ލ. ގަމުގައި ކުރިއަށްދިޔަ ރޭސިންގ ހަރަކާތެއްގެ ތެރެއިން ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއެއްގައި އަނިޔާވި ޒުވާނަކަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
“ރޭސިން ޗެމްޕިއަންޝިޕް – ލާމު އެޑިޝަން” ގެ ނަމުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ބައިވެރިވެގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، ދުއްވަން އިން މީހާއާއެކު މޫދަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ލިބުނު އަނިޔާތަކާ ގުޅިގެން އޭނާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.

މިފަދަ ހަރަކާތްތަކުގައި ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާ މިންވަރު ބެލުމަށާއި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުންގެ މުއައްސަސާއިން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު