ވިލިމާލެއާއި ގުޅީފަޅު ގުޅުވާލަދޭ ބްރިޖުގެ އެންމެ ފަހުގެ ސެގްމެންޓް އިންސްޓޯލްކޮށް، ދެ ރަށް އެކީގައި ގުޅާލުމާއެކު ތާރީޚީ މުހިންމު ކުރިއެރުމެއް ހޯދައިފި ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މި ކާމިޔާބީއާ ގުޅިގެން ވަޒީރު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި، މަޝްރޫޢު ކުރިއަށްގެންދާ އެފްކޮންސް ކުންފުންޏަށާއި، އަރުޕް އަދި މިނިސްޓްރީގެ ޓީމަށް ވަނީ މަރުޙަބާ ދަންނަވާފައެވެ. އަދި މި ބޮޑު އިންފްރާސްޓްރަކްޗަރ މަޝްރޫޢު ނިންމުމަށް ފޯރުކޮށްދިން ބޮޑު އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ވަޒީރު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މީގެއިތުރުން، މި މުހިންމު މޭލުކަށި ހާސިލުކުރުމުގައި ރޭގަނޑާއި ދުވާލު ބުރަކޮށް މަސައްކަތްކުރި އެންމެހާ ފަރާތްތަކުގެ މަސައްކަތާއި ސާބިތުކަން ފާހަގަކުރައްވައި އެ ފަރާތްތަކަށްވެސް ވަޒީރު ވަނީ އިޚްލާޞްތެރި ޝުކުރު އަދާކުރައްވާފައެވެ.
މާލެއާއި ވިލިމާލެ ގުޅާލުމުގެ މަސައްކަތް މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ދަށުން ކަނޑު ހުރަސްކޮށް ހަދާ 3 ބުރިޖާއި ހައިވޭތައް ހިމެނޭހެން ޖުމްލަ 6.7 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެއެވެ. އެގޮތުން މާލެއިން ވިލިމާލެއަށް 2.2 ކިލޯމީޓަރު، ވިލިމާލެއިން ގުޅިފަޅަށް 750 މީޓަރު، އަދި ގުޅިފަޅުން ތިލަފުއްޓަށް 600 މީޓަރުގެ ބުރިޖެއް ހެދުމުގެ އިތުރުން 2.5 ކިލޯމީޓަރުގެ ހައިވޭއެއް ހިމެނެއެވެ. މިހާރު ގުޅިފަޅުގައި މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ތިލަފުށީގައި ދަނީ ބުރިޖު ގުޅޭ ސަރަހައްދު ހިމާޔަތްކުރުމަށް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.
އިންޑިއާގެ ލައިން އޮފް ކްރެޑިޓާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދާ 500 މިލިއަން ޑޮލަރުގެ މި މަޝްރޫޢުގެ މުޅި މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.