ކ. މާފުށީގެ މިސްކިތްތައް މަރާމާތުކޮށް ތަރައްގީކުރުމުގެ މަސައްކަތަށް އެ ރަށަށް ޒިޔާރަތްކުރި ތުރުކީވިލާތުގެ ފަތުރުވެރިއަކު ދީލަތި މާލީ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.
މާފުށީ ކައުންސިލުން މީސްމީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، މި އެހީ ފޯރުކޮށްދީފައިވަނީ އެ ރަށަށް ޒިޔާރަތްކުރި ތުރުކީގެ ރައްޔިތެއް ކަމަށްވާ ފުންދާ އޮޒްކުޗޫ އެވެ. އޭނާ ވަނީ މިސްކިތްތަކުގެ މަރާމާތާއި ތަރައްގީގެ އެކި މަސައްކަތްތަކަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސުމަށް ދިން ފައިސާ ކައުންސިލާ ހަވާލުކޮށްފައެވެ.
މިސްކިތްތަކުގެ ލާބަޔާއި މަންފާއަށްޓަކައި އޭނާ ވެދިން އަގުހުރި އަދި ދީލަތި އެހީތެރިކަން ފާހަގަކޮށް، މާފުށީ ކައުންސިލުން ވަނީ އޭނާއަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. ކައުންސިލުން ބުނެފައިވަނީ މިފަދަ ދީލަތި އެހީތަކަކީ ރަށުގެ އިޖުތިމާއީ އަދި ދީނީ ކަންކަން ކުރިއެރުވުމަށް ލިބޭ ބޮޑު އެހީތެރިކަމެއް ކަމަށެވެ.
ފަތުރުވެރިޔާ ދިން އެހީގެ ފައިސާ ކައުންސިލާ ހަވާލުކޮށްފައިވީ ނަމަވެސް، އެހީގެ ގޮތުގައި ދިނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ކައުންސިލުން ސާފެއް ނުކުރެއެވެ. މާފުށްޓަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ރަށަކަށްވާއިރު، އެ ރަށުގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތްތައް ކައުންސިލުން އަންނަނީ ގަވާއިދުން ކުރިއަށްގެންދަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.