ރުގްޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނުތަކަށް ވަދެ މަހާނަ ކޮންނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، އެއީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ހަރާމް ކޮށްފައިވާ ކަމެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރުއީ ރުގްޔާގެ ނިވަލުގައި ތިބެ ބައެއް މީހުން ގަބުރުސްތާނަށް ވަދެ މަހާނަތައް ކޮންނަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް، ގުރްއާނާއި ސުންނަތުގެ އަލީގައި ބަލާއިރު އެއީ އެއްވެސް އަސާސެއް ނެތް، އަދި ހުއްދަ ނޫން ނޭދެވޭ އަމަލުތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“ރުގްޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ އަމަލުތަކަކީ ހަރާމްވެގެންވާ އަމަލުތަކެއް،” ޝަހީމް ވިދާޅުވިއެވެ.

ޝަރުއީ ރުގްޔާއަކީ ބަލިމީހާގެ ޝިފާއަށް އެދި ގުރްއާން ކިޔަވައި ފުމުމާއި، ފެނަށް ކިޔަވައިގެން ބޯންދިނުން އަދި ސުންނަތުން ސާބިތުވާ ދުއާތައް ކިޔުން ފަދަ ކަންކަންކަމަށް ޝަހީމް ވިދާޅުވިއެވެ.
ރުގްޔާގެ ނަމުގައި ދީނާ ހިލާފު އަމަލުތައް ހިންގާ ފަރާތްތަކާމެދު ސަމާލުވެ، ރައްކާތެރިވުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވައިފައެވެ.
ހުރިހާ ބައްޔަކަށްވެސް ޝިފާ ދެއްވާ ފަރާތަކީ މާތް ﷲ ކަމަށްވާއިރު، ދުއާކުރުމާއި ސަބަބުތަކުގައި ހިފުމުގެ ގޮތުން ސިއްހީ ބޭސްފަރުވާ ކުރުމަކީ އިސްލާމްދީން އަންގަވާފައިވާ ގޮތްކަމަށް ޝަހީމް ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު