މެލޭޝިއާގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި ދިވެހި އަންހެން ދަރިވަރަކު ނިޔާވެ، އޭނާ ދަތުރުކުރި ކާރުގެ ޑްރައިވަރު މަސްތުވާތަކެއްޗަށް ޕޮޒިޓްވުމުން ހައްޔަރުކޮށްފިއެވެ.
މި އެކްސިޑެންޓުގައި މަރުވެފައިވަނީ ޓެއިލާސް ޔުނިވަސިޓީގައި ކިޔަވަމުން ދިޔަ އައްޑޫ ސިޓީ ހިތަދޫ، އުމުރުން 21 އަހަރުގެ އާމިނާ އިމީލީ ނާޒިމެވެ.
މެލޭޝިއާގެ ފުލުހުން ބުނީ، މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ގާތްގަނޑަކަށް 8:48 އެހާކަންހާއިރު ޕުޗޮންގަށް ދަތުރުކުރަމުން ދަނިކޮށް ޕީޖީއެސް ޓޯލް ޕްލާޒާ ކައިރިންނެވެ. އިމީލީއާއި އިތުރު ދިވެހި ދަރިވަރަކު ދަތުރުކުރީ ކުއަލަލަމްޕޫރުން ވިޔަފާރިކުރުމަށް ފަހު، ގްރެބް އެޕް މެދުވެރިކޮށް ހޯދި ކާރެއްގައެވެ.

އެކްސިޑެންޓު ހިނގަން މެދުވެރިވީ އިމީލީމެން އިން ކާރު ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލުން ނެއްޓި، އެހެން ކާރެއްގައި ޖެހި ފުރޮޅާލުމުގެ ސަބަބުންނެވެ. މި ހާދިސާގައި އިމީލީގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބި، ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފައެވެ. ނަމަވެސް ކާރުގައި އިން އަނެއް ދިވެހި ދަރިވަރު ވަނީ މާ ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވެފައެވެ.
ކާރު ދުއްވަން އިން މެލޭޝިއާގެ 34 އަހަރުގެ ޑްރައިވަރު މަސްތުވާތަކެއްޗަށް ޓެސްޓުކުރިއިރު، އޭނާ ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިންއަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން، މަސްތުގެ ހާލަތުގައި ހުރެ ނުރައްކާތެރިކޮށް ދުއްވުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، މައްސަލައިގެ ތަހުގީގަށް ޝާހް އަލަމް މެޖިސްޓްރޭޓް ކޯޓުން ވަނީ ހަތަރު ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.










ކިޔުންތެރިންގެ ހިޔާލު