މަސްވެރިކަމަށް ވަސީލަތްތައް ޤާއިމްކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ ހަފްތާގެތެރޭގައި އިތުރު 4 ސަރަޙައްދެއްގައި ކަނދުފަތި ޤާއިމްކޮށްފިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ މީގެ ތެރޭގައ ހިމެނެނީ 3 ދޮށީ ކަނދުފައްޗާއި، 1 ވަދު ކަނދުފަތިކަމަށެވެ. މިގޮތުން ދޮށީ ކަނދުފަތިތައް އަޅާފައިވަނީ ގއ. ދާންދޫ އިރުން 16 މޭލު ބޭރުގައި، ގދ. ގައްދޫ ދެކުނުން 14 މޭލު ބޭރުގައި، އަދި ސ. ވިލިނގިލީ އިރުން 15 މޭލު ބޭރުގައެވެ. އަދި ވަދު ކަނދުފަތި އަޅާފައިވަނީ ޏ. ފުވައްމުލަކު އިރުން 10 މޭލު ބޭރުގައިއެވެ.
މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 103 ކަނދުފަތި ވަނީ އަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަ 50 ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންގ އަދި ފަރު މަސްވެރިކަމަށް ޚާއްސަ 53 ވަދު ކަނދުފައްޗެވެ. މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް 44 ވަދު ކަނދުފައްޗެއް އަޅާފައިވާކަން ވަޒީރު ކުރިން ވަނީ ވިދާޅުވެފައެވެ.


މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް މީގެ ކުރިން ވިދާޅުވީ، ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން ޤާއިމުކުރުމުގެ މަސައްކަތަށް މި މަހު ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. ކަނދުފައްޗަކީ މަސްވެރިންގެ އާންމު ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗަކަށްވާތީ، ކަނދުފަތި ކަނޑައިގެން ދިއުމުން ދިމާވާ ދަތިތަކަށް އަވަސް އަވަހަށް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ. އެގޮތުން، ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތަކުގެ ބޮޑު ބައެއް މި މަސް ތެރޭގައި އަލުން ގާއިމުކުރެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
އޮއިވަރާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނދުފަތި އަވަހަށް ކަނޑައިގެން ދިއުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން އާ ގުޅިގެން ކަނދުފަތީގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއްވެސް ވަނީ ގެނެސްފައެވެ.
ރާއްޖޭގައި މިހާތަނަށް ބޭނުންކުރަމުންދިޔަ 40 އަހަރުވީ ބާ ފަރުމާގެ ބަދަލުގައި، މި އައު ޑިޒައިނާއެކު ކަނދުފަތިތައް އަވަސްއަވަހަށް ކަނޑައިގެން ދިއުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު