ޒައިނަށް ބަދަލުގެނެސް އަޅާ ފުރަތަމަ ކަނދުފަތި އަންނަ މަހު އަޅާނެކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރާ ކަނދުފަތީގެ ޑިޒައިނަކީ ގިނަދުވަސްވީ ޑިޒައިނެކެވެ. އެއީ މީގެ ގާތްގަނޑަކަށް ސާޅީހަކަށް އަހަރު ކުރީގެ ޑިޒައިނެކެވެ. އެހެންކަމުން ކަނދުފަތީގެ ޑިޒައިނަށް ބަދަލުގެނެސް ޒަމާނީކުރަން ޖެހިފައިވާކަމަށް މަސްވެރިކަމާބެހޭ ވުޒާރައިން ބުންޏެވެ.

އެންމެ ބޮޑު ގޮންޖެހުމަކީ އޮއިވަރު ބަދަލުވެ މޫސުމަށް އަންނަ ބަދަލުތަކާއިއެކު ކަނދުފަތި އަވަހަށް ކަނޑައިގެން ދިއުމެވެ. ކަނދުފަތިތައް ކަނޑައިގެން ދިއުމަށް ހައްލެއް ގެނައުމަށް އެންމެ މުހިންމު ކަމަކީ ކަނދުފަތީގެ ޑިޒައިނަށް ބަދަލުގެނައުންކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

އިޝްތިހާރު އިޝްތިހާރު

މިކަމާ ގުޅިގެން ކުރެވޭ މަސައްކަތްތަކަށް އިޝާޜަތްކުރައްވާ ވަޒީރު ވިދާޅުވީ ޑިޒައިނަށް ބަދަލުގެނެސްގެން އަޅާ ފުރަތަމަ ކަނދުފަތި އަންނަ މަހު އަޅާނެކަމަށެވެ.

އިރާދަކުރެއްވިއްޔާ މިއަންނަ އޮގަސްޓް މަހުގެ ތެރޭގައި ފުރަތަމަ ކަނދުފަތި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޑިޕްލޮއިކުރާނަން މި އައު ފަރުމާއާއި އެކީގައި. އެއިރުން އިރާދަކުރެއްވިއްޔާ އަވަސްއަވަހަށް ކަނދުފަތި ކަނޑައިގެން ދިއުން ނިމުމަކަށް ގެނެވޭނެ ނޫނިއްޔާ އެ މައްސަލަ އަޅުގަނޑުމެންނަށް ހައްލު ކުރެވޭނެ ވަރަށް ބޮޑަށް.

މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

މިހާތަނަށް އެންމެ ގިނަ ކަނދުފަތި އެޅީ މިސަރުކާރުގައެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް 44 ވަދު ކަނދުފައްޗެއް ވަނީ އަޅާފައެވެ.  މިސަރުކާރު އައިފަހުން މިހާތަނަށް 99 ކަނދުފަތި ވަނީ ރާއްޖޭގެ އެކިކަކޮޅު ތަކުގައި އަޅާފައެވެ.

ކަނދުފައްޗަކީ މަސްވެރިން ވަރަށް ބޮޑަށް ބަރޯސާވާ އާލާތަކަށްވާއިރު، ކަނދުފައްޗެއް ކަނޑައިގެން ދިއުމުން އޭގެ އުނދަގޫ މަސްވެރިންނަށް ވަރަށް ބޮޑަށް ކުރެއެވެ. މިވަގުތު ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ.