ހއ. މުރައިދޫގައި އިމާރާތް ކުރަމުންދާ މުރައިދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ޕޮލިސް ޕޯސްޓުގެ ތަނބުތަކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއަކީ މުރައިދޫގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ގާއިމުކޮށް، ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު އުމްރާނީ މަސައްކަތެކެވެ. މުރައިދޫ ޕޮލިސް ޕޯސްޓުގެ ބިންގާ އަޅާފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި ޕޮލިސް ޕޯސްޓުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންއެވެ.
ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓްތައް އަދި ޕޮލިސް ޑެސްކްތައް ގާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދެއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކުރަމުންދާއިރު، މިއަހަރު ނިމުމުގެ ކުރިން ގިނަ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް ނިންމުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައި ނުވާ ރަށްރަށުގައި އެ ޚިދުމަތް އަވަހަށް ފެށުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ސަރުކާރުން އަންނަނީ ކުރިއަށްދަނީއެވެ.










ކިޔުންތެރިންގެ ހިޔާލު