ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. މުރައިދޫ ރައްޔިތުންނަށް ދެއްވި ޔަގީންކަމާއެއްގޮތަށް އެރަށު މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ބާރަށް ކުރިއަށް އެބަދެއެވެ.

މި މަޝްރޫއަކީ 7.21 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 3,650 އަކަފޫޓުގެ ސަރަހައްދެއްގައި 300 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭގޮތަށް މިސްކިތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. 924 މީހުންގެ އާބާދީއެއް އޮންނަ މުރައިދޫގައި އިމާރާތްކުރާ މި މިސްކިތުގައި ނަމާދުކުރާ ކޮޓަރިއެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން ފިރިހެނުންނާއި އަންހެނުންނަށް ވުޟޫ ކުރާތަން ހެދުމާއި، މިސްކިތުގެ ގޯތިތެރެ ސާފުކުރާނެ ސާމާނު ބަހައްޓާނެ ތަނެއް ހެދުމުގެ އިތުރުން މުންނާރެއް ހެދުމާއެކު މިހުރާބް ގެއެއްވެސް ހަދަން ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު މި މިސްކިތުގައި ސައުންޑް ރޫމަކާއެކު އިމާމުންނަށް ހާއްސަ ކޮޓަރިއެއްވެސް ހަދާނެކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މިހާރު ކުރިއަށްދަނީ މިސްކިތުގެ ރޫފިންގ ބީމް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީއަކީ ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގާފައިވާ ކުންފުންޏެކެވެ.