މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ރ. އިންނަމާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލު އިމާރާތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ.
މި މަޝްރޫއަކީ އިންނަމާދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށް، އިތުރު ހަރަކާތްތަކާއި އެކި ޙަފްލާތައް ބޭއްވޭނެ އެކަށީގެންވާ ތައުލީމީ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެދަށުން ފުރަތަމަ ފްލޯގެ ބީމް ޝަޓަރިން މަސައްކަތް ނިންމައި، ރީއިންފޯސްމަންޓް މަސައްކަތްތައް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

އިންނަމާދޫ ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރުމަށް ކުރީގެ ސަރުކާރުން 21 އޭޕްރީލް 2022 ގައި ހަވާލުކުރީ އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް 325 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށް މަސައްކަތް ނިންމިފައެއް ނުވެއެވެ.
އެއިމް ކޮންސްޓްރަކްޝަނުން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްނުދިއުމުގެ ސަބަބުން، މި ސަރުކާރުން ވަނީ އެ ކުންފުންޏާއެކު ވެެފައިވާ އެއްބަސްވުން ބާތިލްކޮށްފައެވެ. އެއަށްފަހު، މި މަޝްރޫއުގެ މަސައްކަތް އަވަސްކޮށް ނިންމުމަށްޓަކައި ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެކުގައެވެ.
އެމްޓީސީސީން ދަނީ އިމާރާތުގެ އަމަލީ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުމަށްޓަކައި ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު