އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ލިންކް ރޯޑު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އަންނަ މަސް ނިމުމުގެކުރިން ފެށޭނެކަމަށް ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ލިންކް ރޯޑު މަރާމާތުކުރުމުގެ މަސައްކަތް މިހަފްތާ ނިމުމުގެކުރިން ރަސްމީކޮށް ހަވާލުކުރެވޭނެކަމަށެވެ. އަދި އަންނަ މަސް ނިމުމުގެ ކުރިން އަމަލީ މަސައްކަތްފެށި ބާރު މިނުގައި ކުރިއަށްގެންގޮސް ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެންމެ އިސްކަންދެއްވަނީ މަގުގެ ހަލާކުވެފައިވާ ބައިތައް ހެދުމުގެ އިތުރަށް މައި މަގު ރަނގަޅު ފެންވަރަކަށް ތާރު އަޅައިގެން ހެދުމަށްކަމަށެވެ. އަދި މި މަސައްކަތާއެކު ފޭދޫގެ ފެންބޮޑުވުމުގެ މައްސަލަ ޙައްލުވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މުއްޠަލިބު މީގެ ކުރިން ވިދާޅުވެފައިވަނީ އައްޑޫ ލިންކްރޯޑުގެ މަސައްކަތް ކުރަމުންދަނީ ސަރުކާރުން މެޝިނަރީޒް ހޯދައިގެންކަމަށާއި، ރަނގަޅު ފެންވަރަށް އެ މަގުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް 400 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވީހާވެސް ޚަރަދު ކުޑަކޮށް މަސައްކަތް ކުރިއަށްގެންދިޔުމަށްކަމަށާއި އެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ހަވާލުކޮށްފައިވަނީ ސީދާ ކޮސްޓް ޕްރައިޒްގައިކަމަށްވެސް ވިދާޅުވެފައިވެއެވެ.
އައްޑޫ ލިންކްރޯޑުގެ މަސައްކަތުގެ ދަށުން ޖުމްލަ 3 މަގެއްގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުން ހިމެނެއެވެ. އަދި ސީޓީބީ މަގުތައް ތާރު އަޅައިގެން ތަރައްޤީ ކުރުމާއި، މިހާރު ހުރި ތާރު މަގުތަކުގެ މަތީގައި އިތުރު ފަށަލައެއް އެޅުމާއި، ގައު އަތުރާފައިވާ މަގުތަކުގައި ތާރު އެޅުން ހިމެނެއެވެ. މި މަޝްރޫޢު ކުރިއަށްދަނީ، ހިތަދޫ، ފޭދޫ، މަރަދޫ، ހިމެނޭ ގޮތަށެވެ.
އައްޑޫ ލިންކް ރޯޑް އަލުން ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި، 40 މިލިމީޓަރުގެ ބޯމިނުގެ ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މިހާރު ހުރި ދުވާރުތަކާއި ތާރުތައް ކޮނެގެން ނަގައި، ހައިވޭގެ 4 ލޭން ހިމެނޭ ސަރަހައްދުތަކުން ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ދުވާރު ހަދައި، މަގުމަތީގެ ނިޝާންތައް ހަރުކޮށް، ބައިބައި ވަކިކުރުމަށް ފާރު ބިނާކުރުން ފަދަ އިތުރު މަސައްކަތްތައްވެސް ކުރިއަށްދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު