ރާއްޖޭގެ ސަރަޙައްދުގައި ތެލާއި މައުދަން ހުރިތޯ ބެލުމަށް ދިރާސާތައް ކުރުމަށް މެލޭޝިއާގެ ޕެޓްރޯނަސް ކުންފުނީގެ އެހީތެރިކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރައީސް އޮފީހުގައި ބޭއްވެވި ގުޅިފައިވާ ބަޔާނެއްގައި މިއަދު ވިދާޅުވެއްޖެއެވެ.
މި ބަޔާން ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ރައީސް އޮފީހުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހުގައެވެ. މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ވަނީ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައެވެ.
ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ރާއްޖޭގައި ތެލާއި އެހެނިހެން މައުދަންތައް ހުރިތޯ ދިރާސާކުރުމުގެ ފުރުސަތުތައް ބެލުމަށް ރައީސް ޑރ. މުޢިއްޒު ހުށަހެޅުއްވި ކަމަށެވެ. އަދި އެ ކަމާ ގުޅޭގޮތުން ޕެޓްރޯނަސް ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ޕެޓްރޯނަސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި މަސައްކަތްކުރަމުން އަންނަ ވަރުގަދަ ކުންފުންޏެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކެނެޑާއިން ފެށިގެން ތުރުކުމެނިސްތާނާއި، ސޫދާނާއި، ސުރިނާމާއި، ޕެރޫ އަދި ބްރެޒިލް ފަދަ ގައުމުތަކުގައި ޕެޓްރޯނަސްގެ މަސައްކަތްތައް ކުރިއަށްދާކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖެއާ މިހާ ކައިރިއަށް އައުމަކީ އެ ކުންފުންޏަށް މާ ބޮޑު މައްސަލައަކަށް ވާނެ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށް އަންވަރު ވިދާޅުވިއެވެ. އަދި ތެޔޮ ހޯދުމުގެ ދިރާސާތަކަށް ނޫން ނަމަވެސް، ޗުއްޓީ ހޭދަކޮށްލުމަށް ނަމަވެސް އެ ކުންފުނީގެ ޓީމުތަކަށް ރާއްޖެ އާދެވިދާނެ ކަމަށް ސަމާސާ ކުރައްވަމުން ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީއާ ގުޅޭގޮތުން މެލޭޝިއާގެ މަރުކަޒީ ބޭންކު ކަމަށްވާ ބޭންކް ނެގާރާ މެލޭޝިއާއަށް އިޖާބަދިނުމަށް އެދިވަޑައިގެން ރައީސް ޑރ. މުޢިއްޒު ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް އަންވަރު ވިދާޅުވިއެވެ. ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި ގާތް ގުޅުމުގެ މައްޗަށް ބިނާކޮށް، އެ ފެސިލިޓީ ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރާއްޖޭގައި ތެޔޮ ހުރިތޯ ދެނެގަތުމުގެ މަސައްކަތް ފުރަތަމަ ފެށީ 2014 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެއިރު އެ ސަރުކާރުން އެ މަސައްކަތަށް ޗައިނާގެ އެހީ ހޯދުމަށް އެ ގައުމާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ.










ކިޔުންތެރިންގެ ހިޔާލު