ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ފުރަމާނަ ދަތުރުފުޅެއްގައި މިރޭ އިރާކޮޅު ރާއްޖެ ވަޑައިގެންފިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. މެލޭޝިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި، ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދެންނެވުން އޮންނާނީ މާދަމާއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ގެމި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއެކު، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި ދެ ޤައުމުގެ އިސްވެރިންގެ ހާޒިރުގައި ބައެއް ފަހުމުނާމާ (އެމް.އޯ.ޔޫ) ތަކުގައި ސޮއިކުރައްވާ، މިކަމުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، ދެ ޤައުމުގެ ލީޑަރުންގެ މެދުގައި ކުރިއަށްގެންދެވި މަޝްވަރާތަކުގެ ނަތީޖާއާ ގުޅޭގޮތުން ދެބޭފުޅުންވެސް ނޫސްވެރިންނަށް ބަޔާނެއް ދެއްވާނެއެވެ.

މިއީ ނޮވެމްބަރު 2022 ގައި މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، މެލޭޝިޔާގެ ބޮޑުވަޒީރު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.










ކިޔުންތެރިންގެ ހިޔާލު