އެމެރިކާއިން މެދުއިރުމަތީގައި ސަރަހައްދީ ފުލުހެއްގެ ދައުރު އަދާކުރަން ނުޖެހޭ ކަމަށް، އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

އީރާނުގެ ރައީސް މިފަދައިން ވިދާޅުވީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ފެށި 18 ވަނަ ބްރިކްސް ސަމިޓްގައި ބައިވެރިވެވަޑައި ގަތުމަށް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސަމިޓުގެ އަރިމަތިން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ، އެމެރިކާއަކީ މެދުއިރުމަތީގެ "ސަރަހައްދީ ފުލުހަކަށް" ވާން ނުޖެހޭ ކަމަށާއި، އެގޮތުގައި އެމެރިކާ ހަރަކާތްތެރިވާންވެސް ނުޖެހޭ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ސަރަހައްދީ ފުލުހެއް މެދުއިރުމައްޗަށް ބޭނުން ނުވާ ކަމަށާއި، ސަރަހައްދީ އެއްބައިވަންތަކަމާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ އެ ސަރައްދުގެ މައިގަނޑު ގައުމުތަކާއި، ސަރަހައްދު އެކުލެވޭ ގައުމުތަކަށް ކަމަށްވެސް އީރާނުގެ ރައީސް ވިދާޅުވިއެވެ.

ނިއުދިއްލީގައި ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން އީރާނުގެ ރައީސްވަނީ، ހޮރްމޫޒު ކަނޑުއޮޅީގެ ކޮންޓްރޯލް ނެގުމަށް އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާތައް ދެމުންގެންދާ ދިއުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން ކިތަންމެ ޕްރެޝަރެއް ކުރިމަތިކުރިޔަސް އީރާނުން އަމާން ނުދޭނޭ ކަމަށެވެ.

އީރާނުން ހޮރްމޫޒު  ކަނޑުއޮޅި ހުޅުވާނީ އީރާނުގެ ބްލޮކޭޑް އުވާލައި އެމެރިކާއިން އީރާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމުން ކަމަށް އީރާނުގެ ރައީސް ވިދާޅުވިއެވެ.

އީރާނަށް އިގްތިސާދީގޮތުން ދަތިކުރަން ދިމާކުރީ ހަނގުރާމަކޮށްގެން އެމީހުންގެ މަގުސަދުތައް ހާސިލް ނުކުރެވުމުން ކަމަށާއި، އިގްތިސާދީ ޕްރެޝަރކުރިޔަސް އީރާނު ދޫނުދޭނޭ ކަމަށް ޑރ. މަސްއޫދު ޕެޒެޝްކިއާން ވިދާޅުވިއެވެ.