ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ ދިވެހި ތާރީހުގައި ހިނގައިދިޔަ އެންމެ އަނިޔާވެރި، ކޮރަޕްޓް އަދި ހުދުމުހުތާރު ވެރިކަން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިހުގެ ވިލިނގިލި ދާއިރާގެ ކުރީގެ މެމްބަރު ސައުދު ހުސެއިން އެމަނިކުފާނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
އިދިކޮޅު އެމްޑީޕީ ގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި ސައުދު އެގޮތަށް ރައްދު ދެއްވީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި “ފެހި ސިގްނަލް” ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ޔާމީން ވަނީ މިހާރުގެ ސަރުކާރުގެ ތެރޭގައި ހިންގާ ބޮޑެތި ހިޔާނާތްތަކާއި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، ދައުލަތުގެ މިނިވަން މުއައްސަސާތައް އޮތީ ސަރުކާރަށް ބިރުން ފިތި ބާރުވެފައި ކަމަށް ވިދާޅުވެފައެވެ. އަދި ޔާމީން ފާޑުވިދާޅުވި މުއައްސަސާތަކުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ހިމެނެއެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ސައުދު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ބޭނުންކުރައްވައިގެން އެމަނިކުފާނާ ހިޔާލުތަފާތުވި އެންމެންގެ މައްޗަށް ނުހައްގުން ދައުވާކޮށް، ސިޔާސީ ގިނަ ބަޔަކު ފްރޭމްކޮށް ޖަލަށްލައިގެން ހިންގެވީ އަނދިރި ދައުލަތެއް ކަމަށެވެ. އަދި އެއީ ވިސްނާ ބަޔަކަށް ހުރި އިބުރަތެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަހުގެ ތާރީހުގައި ވެރިކަން ކުރެއްވި ބައެއް ބޭފުޅުންނަށް އެ ބޭފުޅުން ވެރިކަން ކުރެއްވި ގޮތް ހަނދާން ނެތުނީތޯ ސައުދު ވަނީ ސުވާލު ކުރައްވައިފައެވެ. އަދި ރައްޔިތުންނަކީ މޮޔައިން ކަމަށް ދެކި ހިތުހުރި ގޮތަކަށް ވާހަކަދައްކަވަނީތޯވެސް އޭނާ ސުވާލު އުފެއްދެވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން ދެހާސް އަށާރަ ވަނަ އަހަރަށް ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކު އެކިއެކި ފޯރަމްތަކުގައި ދައްކަވާ ވާހަކަތަކުން ފާހަގަވަނީ އެ ބޭފުޅާ އަދި މި ގައުމުގައި ވެރިކަން ނުކުރާ ކަހަލަ ގޮތެއް ކަމަށެވެ.
ޔާމީންގެ ސަރުކާރަށް ސައުދު ފާޑުވިދާޅުވިއިރު، އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ބޮޑު ސިޔާސީގޮތުން ނުހައްގު ގާނޫނީ ފިޔަވަޅުތަކެއް އަމާޒުވި އެއް ބޭފުޅަކީ ސައުދެވެ. ޔާމީނުގެ ވެރިކަމުގައި ސައުދު ފުރަތަމަ ބަންދުކުރީ މެންބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅައިގެން އުޅުނު ދުވަސްވަރު ރައްޔިތުންގެ މަޖިލީހަށް އޭނާ ވެދެވަޑައިގަންނަވަން އުޅުއްވުމުންނެވެ. އެގޮތުން އެތައް ފަހަރަކު މަޖިލީހަށް ވެންނެވުމުން ސިފައިން ބާރު ބޭނުންކޮށްގެން އޭނާ މަޖިލީހުގެ އިދާރާއިން ބޭރުކުރިއެވެ.
ސައުދުއާއެކު އޭރުގެ ޕީޕީއެމް ގެ 11 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. އެއާއެކު ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން ވެސް ނިންމީ ސައުދު ހިމެނޭހެން އެ މެމްބަރުންގެ ގޮނޑި ގެއްލުނީ ކަމަށެވެ.
އެ މައްސަލައިގައި އެތައް ދުވަހަކު ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށްފަހު، ފަނޑިޔާރަކު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުވެސް ސައުދުގެ މައްޗަށް ކުރިއެވެ. ނަމަވެސް އެ ތުހުމަތުތަކާ ގުޅިގެން އޭނާ ބަންދުކުރި ނަމަވެސް، ސައުދުގެ މައްޗަށް އެއިން އެއްވެސް ކަމެއް ޝަރީއަތަށް ސާބިތުވެފައެއް ނުވެއެވެ.










ކިޔުންތެރިންގެ ހިޔާލު