ހޮރްމޫޒު ކަނޑުއޮޅިއާ ގުޅޭގޮތުން ގަލްފްގެ ގައުމުތަކާއެކު ހޯމަދުވަހު ބައްދަލުވުމެއް ބާއްވަން އީރާނުން ތައްޔާރުވަމުން އެބަދެއެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އުމާންގައެވެ.
އީރާނު ސަރުކާރުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، މިއީ، ހޮރްމޫޒު ހިންގުމާގުޅޭ މަޝްވަރާތަކެއް ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

އަދި މިއީ، ސަރަޙައްދުގެ ގައުމުތަކުގެ މެދުގައި ރަނގަޅު ވިސްނުމެއް އުފެއްދުމާއި، ގައުމުތައް ހިއްސާވާ ސަރަހައްދީ ސެކިއުރިޓީ ހަރުދަނާކުރުމަށް އެހީތެރިވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށްވެސް ބުނެފައި ވެއެވެ.
މި ބައްދަލުވުމުގައި އިރާގުގެ އިތުރުން، ޕާޝިއަން ގަލްފްގެ އެހެން ގައުމުތައްވެސް ބައިވެރިވާނެ ކަމަށް، އީރާނުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާއެކު އީރާނުން ވަނީ ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށްފައެވެ.
އެމެރިކާއިން އީރާނަށް ހުއްޓާނުލާ ހަމަލާތައް ދިނުމާއި، ކަނޑުމަގުން އީރާނު ބަންދުކޮށްގެން އުޅޭނީ ހޮރްމޫޒު އަލުން ނުހުޅުވައިގެން ކަމަށް ބުނެއެވެ.
އީރާނުން އެމެރިކާގެ ތެޔޮ ޓޭންކަރުތަކާއި، އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ހޮރްމޫޒު ސަރަހައްދުން ހަމަލާތައް ދެމުންގެންދަނީ، އީރާނުގެ އެންގުމާ ޚިލާފަށް ގަދަބާރުން ހޮރްމޫޒު ހުރަސްކުރަން އުޅޭތީއެވެ.
އީރާނުން ބުނަމުންގެންދަނީ، އެއްވެސް އުޅަނދަކަށް ދެން ހޮރްމޫޒު ހުރަސް ކުރެވޭނީ އީރާނުން އަންގާގޮތަށް އަދި އަންގާ މަގަކުން ކަމަށެވެ.
ހޮރްމޫޒުގެ އައްސޭރިފަށް ހިއްސާކުރާ އީރާނާއި އުމާނުން ގެންދަނީ، ހޮރްމޫޒު މެނޭޖްކުރުމާ ގުޅޭގޮތުން މަޝްވަރާތައްކޮށް އެއްބަސްވުމެއް އެކުލަވައި އިއުލާންކުރުމަށް ތައްޔާރުވަމުންނެވެ.
ބެލެވޭގޮތުގައި ހޯމަދުވަހު އުމާނުގައި ބާއްވާ ބައްދަލުވުމަކީ އީރާނާއި އުމާނުން އިއުލާންކުރަން ތައްޔާރުވަމުންދާ އައު އުސޫލާ ގުޅޭގޮތުން ގަލްފްގެ ގައުމުތަކާ މައުލޫމާތު ހިއްސާކުރުމަށް ބައްވާ ބައްދަލުވުމެކެވެ.










ކިޔުންތެރިންގެ ހިޔާލު