ބައިނަލްއަޤްވާމީ އަށްވަނަ ޓީޗަރުންގެ މަހާސިންތާ ތިންސަތޭކަ ބައިވެރިންނާއެކު އަންނަ ހޮނިހިރު ދުވަހު ބާއްވަން ތައްޔާރުވެއްޖެއެވެ.
މިއީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ފަރާތުން މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާކުރުމުގެ ސަޤާފަތެއް ޤާޢިމުކުރުމުގެ މަޤުޞަދުގައި 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއްއަހަރު ބާއްވަމުން އަންނަ މަހާސިންތާއެކެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާގެ މައިގަނޑު މަޤުޞަދަކީ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް، ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި މެދު ޚިޔާލު ބަދަލުކޮށް، މަޢުލޫމާތު ހިއްސާކުރުމެވެ. 106 ފަރާތަކުން މި ކޮންފަރެންސްގައި ޖުމްލަ 70 ޕްރެޒެންޓޭޝަން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކެމްބްރިޖު ޔުނިވަރސިޓީ ޕްރެސް އެންޑް އެސަސްމަންޓް، ސައުތު އޭޝިޔާގެ މެނޭޖިން ޑިރެކްޓަރ، އަރުން ރާޖަމަނީ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މަޚުމޫދު ޝައުޤީގެ ފަރާތުން މި މަހާސިންތާގައި ކީ ނޯޓް ސްޕީޗެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މަހާސިންތާގެ ފުރަތަމަ ދުވަހު “ޝޭޕިންގ އަ ރެސްޕޮންސިބަލް ޑިޖޓަލް ފިއުޗަރ ފޮރ އެޑިޔުކޭޝަން”ގެ މަޢުޟޫއަށް އަދި ދެވަނަ ދުވަހު “ބިޔޯންޑް އެކަޑެމިކްސް: ރީ އިމޭޖިނިންގ އެޑިޔުކޭޝަން ތްރޫ އިންކްލޫޝަން، ވެލިޔުސް، ރިލެވެންސް އެންޑް ޑައިވަރސް ޕެތްވޭސް”ގެ މަޢުޟޫއަށް ބިނާކޮށް، ޕެނަލް ޑިސްކަޝަންއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބައިވެރިންނަށް ޚާއްސަކޮށް ޖުމްލަ 4 ވޯކްޝޮޕެއް ބާއްވައި، ގއ.މާމެންދޫ ސްކޫލް، މުހީޢްދީން ސްކޫލް، ތާޖުއްދީން ސްކޫލް އަދި އަފީފުއްދީން ސްކޫލުގެ ފަރާތުން އިންކްލޫސިވް އެޑިޔުކޭޝަންއާ ގުޅޭ ޕްރެޒެންޓޭޝަންތަކެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ މަހާސިންތާއަށް ޚާއްސަކޮށްފައިވާ ޝިޔާރަކީ” ރީއިމޭޖިން، ރީތިންކް، ރިފޯމް-އެޑްވާންސިންގ އިނޮވޭޝަން ފޮރ އެން އިކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗަރ”އެވެ.










ކިޔުންތެރިންގެ ހިޔާލު