ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ފަރާތުން މުދައްރިސުންނާއި ތައުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ގާއިމު ކުރުމުގެ މަގްސަދުގައި ބާއްވަމުން އަންނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފަށައިފިއެވެ.
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފެވެ.
މިއަހަރުގެ ކޮންފަރެންސް ހާއްސަކޮށްފައިވަނީ “ރީއިމޭޖް، ރީތިންކް، ރިފޯމް- އެޑްވާންސިން އިނޮވޭޝަން ފޯރ އޭން އިކުއިޓެބަލް އެންޑް ރެސިލިއަންޓް ފިއުޗާ” މި ޝިއާރަށެވެ. އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ކުރިއަށްދާނީ މާދަމާގެ ނިޔަލަށް ޝަހީދު އަލީ ސްކޫލުގައެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވަމުން އަންނަ މި ކޮންފަރެންސް ތަކުގެ ސަބަބުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވި، ކިޔަވައިދިނުން އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަމާ މެދު ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު މުދައްރިސުންނަށް ލިބިދެއެވެ.
މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން ހުށަހަޅާ 70 އަށްވުރެ ގިނަ ދިރާސާ ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، 4 ވޯކްޝޮޕަކާއި، 2 ޕެނަލް ޑިސްކަޝަން އަދި 2 ކީނޯޓް ސެޝަން ކުރިއަށްދާނެއެވެ. މިއަހަރުގެ ކޮންފަރެންސްގައި 300 ފަރާތަކުން ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވެއެވެ.
ކޮންފަރެންސްގައި އަލިއަޅުވާލެވޭނެ މުހިންމު މައުލޫތަކުގެ ތެރޭގައި ހުރިހާ ކުދިން ޝާމިލު ކޮށްގެން ކިޔަވާއި ދިނުމާއި ގުޅުންހުރި އެކި އެކި މައުލޫތަކާއި، ކުދިން ޝައުގުވެރިވާނެ ގޮތަށް ކިޔަވައިދޭނެ ގޮތްތަކާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ބަލަންޖެހޭ ކަންތައް ތަކާއި ކޯޑިން އަދި ރޮބޮޓިކްސް ފަދަ ޒަމާނީ ތައުލީމުގެ ތަފާތު ދާއިރާތައް ހިމެނެއެވެ.
އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްއަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ފަރާތުން މުދައްރިސުންނާއި ތައުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ގާއިމު ކުރުމުގެ މަގްސަދުގައި 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރަކުން އެއްއަހަރު ބާއްވަމަނުން އަންނަ ކޮންފަރެންސެކެވެ.










ކިޔުންތެރިންގެ ހިޔާލު