ލުބުނާނުގެ ދެކުނަށް އިސްތިއުމާރީ ސިފައިން މިއަދު ދިން ވަރުގަދަ  ވައިގެ ހަމަލާތަކެއްގައި ހޮސްޕިޓަލަކަށް ބޮންއެޅި މައްސަލަ ލުބުނާނުގެ ރައީސް ޖޯސެފް އައޫން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފިއެވެ.

ލުބުނާނުގެ ރައީސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލުގެ ހަމަލާތަކަކީ އަސްކަރީ އަމާޒުތަކުން ބޭރުން މަދަނީ އިދާރާތަކަށާއި ސިއްހީ މަރުކަޒުތަކަށް ދެމުންގެންދާ ނުރައްކާތެރި ހަމަލާތަކެއް ކަމަށެވެ.

އިސްތިއުމާރީ ސިފައިން މިއަދު ހެނދުނު ލުބުނާނުގެ ދެކުނުން ހަމަލާތައް އަމާޒުކޮށްފައިވަނީ ނަބާތިއާ އަލް ފައުގާ، އަރަބް ސާލިމް އަދި ކްފަރް ރުއްމާންއަށެވެ.

އިޝްތިހާރު އިޝްތިހާރު

ނަބާތިއާ އަލް ފައުގާގައި ހުންނަ ޣަންދޫރު ހޮސްޕިޓަލަށް އިސްތިއުމާރީ ސިފައިން ބޮންއަޅައި މުޅި ހޮސްޕިޓަލް ގޮއްވާލާފައި ވެއެވެ.

ހޮސްޕިޓަލަށް ބޮންއެޅުމުގެ އިތުރުން، ނަބާތިއާގައި ހުންނަ ލުބުނާނު ސަރުކާރުގެ ފިނޭންސް މިނިސްޓްރީގެ އިމާރާތަށްވެސް އިސްތިއުމާރީ ސިފައިން ހަމަލާދީފައިވާކަން ލުބުނާނުގެ ރައީސްގެ ބަޔާނުގައި ފާހަގަ ކުރައްވާފައި ވެއެވެ.

ލުބުނާނުގެ ރައީސް ޖޯސެފް އައޫން އެމެރިކާއަށާއި ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވާފައިވަނީ، އިސްތިއުމާރީ ސިފައިން ހިންގާ އުދުވާނުތައް ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އަޅައި، މި ހަމަލާތައް ދެމުންގެންދާ މީހުން ޖަވާބުދާރީ ކުރުވުމަށެވެ.

އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނުގެ ރަށްތަކަށް މިއަދު ދިން އުދުވާނީ ހަމަލާތަކުގައި 4 މީހުން މަރުވެ 20 މީހުން ޒަޚަމްވި ކަމަށް ލުބުނާނުން ބުނެއެވެ.

ޣަންދޫރު ހޮސްޕިޓަލަށް ބޮންއެޅި ވަގުތު އެތަނުގައި އެއްވެސް ބަލިމީހެއް އަދި ސްޓާފެއްވެސް ނެތްކަމަށް ލުބުނާނުގެ މީޑިއާއިން ބުނެއެވެ. އެހެން ނަމަވެސް ސިއްހީ ޚިދުމަތްދޭ ތަންތަނަށް ހަމަލާދިނުން ބަލައިނުގަނެވޭނޭ ކަމަށް ލުބުނާނުގެ ރައީސް ވިދާޅުވިއެވެ.

އިސްތިއުމާރީ އަސްކަރިއްޔާއިން ފަހުން ބުނެފައިވަނީ، ހޮސްޕިޓަލަށް ހަމަލާދިނީ ހިޒްބުﷲއިން އެތަން ބޭނުންކުރަމުންދާތީ ކަމަށެވެ. އަދި މިއީ، އިސްރާއީލު ސިފައިންނަށް ޑްރޯން ހަމަލާއެއް ދިނުމުން ރައްދުގައި ދެވުނު ހަމަލާތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.