ލުބުނާނުގައި ހިންގާ އުދުވާނު ހުއްޓާނުލައިފިނަމަ ވަރުގަދަ ރައްދު ހަމަލާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބުނެ އީރާނުން އިސްތިއުމާރީ އިސްރާއީލަށް ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ.
އީރާނު އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް – ޚާތަމަލް އަމްބިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނާއި އެމެރިކާއާ ދެމެދު އެމްއޯޔޫއެއް އެކަށައެޅި ހަނގުރާމަ ނިމުމަކަށް ގެނައިކަން އެމެރިކާގެ ރައީސް އިއުލާންކުރި ފަހުން ފާއިތުވީ ދެދުވަސްތެރޭ 84 ފަހަރުމަތިން އެއްބަސްވުމާ ޚިލާފްވެފައިވާ ކަމަށެވެ.
އަދި ލުބުނާނުގެ ރައްޔިތުންނާ ދެކޮޅަށް ޖަރީމާތަކާއި ގަތުލުއާންމުތައް މިހާރުވެސް ހިންގަމުން ގެންދާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ކުޑަކުދިން މަރާ ޒަޔަނިސްޓު ދައުލަތުގެ ސިފައިން ލުބުނާނުގެ ދެކުނުގައި ހިންގާ ޝައިތާނީ އަމަލުތައް ނުހުއްޓައިފިނަމަ ބާރުގަދަ ހަތިޔާރުއެޅި ލަޝްކަރުތަކުގެ ފަރާތުން ހަރުކަށި ޖަވާބުތަކެއް އަންނާނެކަމަށް އުންމީދުކުރުމަށް، އީރާނު އަސްކަރިއްޔާގެ އިންޒާރުގައި ބުނެފައި ވެއެވެ.
ހަނގުރާމަ ހުއްޓާލައި ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށް މަގުފަހި ކުރުމުގެގޮތުން އީރާނާއި އެމެރިކާއާ ދެމެދު ހެދި އެމްއޯޔޫގައި ދެފަރާތުންވަނީ މީގެ ދެދުވަސްކުރިން އިލެކްޓްރޯނިކް ސޮއިކޮށްފައެވެ.
އެމްއޯޔޫގައި ރަސްމީކޮށް ސޮއިކުރުމުގެ ރަސްމިއްޔާތު ހުކުރު ދުވަހު ސްވިޒަރލޭންޑްގައި ބާއްވަން ތައްޔާރުވަމުން ދާއިރު، އެމެރިކާގެ ފަރާތުން ސޮއި ކުރައްވާނީ ނައިބް ރައީސް ޖޭޑީ ވެންސެވެ. އީރާނުގެ ފަރާތުން ސޮއި ކުރައްވާނީ އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފާއި، ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީއެވެ.
އެކަމަކު، މި އެމްއޯޔޫގެ އިލެކްޓްރޯނިކް ސޮއިކުރެވުނު ހިސާބުން ލުބުނާނު ހިމެނޭހެން ސަރަހައްދުގެ ގައުމުތަކަށް އިސްރާއީލުން ދެމުންގެންދާ ހުރިހާ ހަމަލާތަކެއް ހުއްޓާލަންޖެހޭ ގޮތަށް ކަނޑައަޅާފައި ވެއެވެ.
ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ނަތަންޔާހޫއަށް އަންގާފައި ވީނަމަވެސް، އިސްތިއުމާރީ ސިފައިން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހައްތަހާދަނީ ވަރުގަދަ ކުރަމުންނެވެ. އަދި ލުބުނާނުގެ ދެކުނުގެ އިތުރު ރަށްތައް ހިފުމަށްވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.
އިސްރާއީލުގެ ވެރިން ބުނަމުންގެންދަނީ ހަމަލާތައް ހުއްޓާނުލާނޭ ކަމަށާއި، އަދި ލުބުނާނުން ނުވެސް ފައިބާނޭ ކަމަށެވެ.
ނަތަންޔާހޫވެސް އަދި އޭނާގެ ސަރުކާރުގެ އެއްވެސް ވެރިޔަކުވެސް ހުރީ ޓްރަމްޕްގެ އެންގުމަށް ކިޔަމަންވާ ގޮތަކަށް ނޫނެވެ. ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަން ޓްރަމްޕް އެންގުމުން އިސްރާއީލުގެ އާންމުންވެސް މިހާރު ތިބީ ޓްރަމްޕް ދެކެ ވަރަށް ރުޅިއައިސްފައެވެ.
އެކަމަކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާހަކަތައް ހުރިގޮތުން އޭނާ މިފަހަރު ހުރީ ނަތަންޔާހޫއަށް އަދި އިސްރާއީލަށްވެސް ދޫދޭ ގޮތަކަށް ނޫންކަން އެނގެއެވެ.
ނަތަންޔާހޫއަށް ދޫދީފިނަމަ، އީރާނާއެކު ހަދަން އުޅޭ އެއްބަސްވުން އަތުން ބީވެ، އޭގެ ގެއްލުމާ ކުރިމަތިލާން ޖެހޭނީ އެމެރިކާއަށްކަން ޚުދު ޓްރަމްޕަށްވެސް އެނގެއެވެ.
އެންމެފަހުގެ ޚަބަރުތައް ބުނާގޮތުގައި އީރާނާއި އެމެރިކާއާ ދެމެދު ހުކުރު ދުވަހު ސޮއިކުރާ އެމްއޯޔޫ ހިއްސާކުރުމަށް އިސްރާއީލުން ރަސްމީކޮށް އެމެރިކާ ސަރުކާރުގައި އެދުމުން، އެކަން ކުރަންވެސް ޓްރަމްޕްވަނީ ދެކޮޅު ހަދާފައެވެ. އީރާން-އެމެރިކާ އެއްބަސްވުމުގައި ހިމެނޭ ކަމަށް ބުނެ މިހާތަނަށް މީޑިއާގައި ތިލަވެފައި ހުރި ކަންކަމަކީވެސް އިސްރާއީލު “ހިތްފަޅައިގެންދާވަރު” ކަންކަމެވެ.
އީރާނު ޕާލަމެންޓުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާބެހޭ ވެރިޔާ އިބްރާހިމް އަޒީޒީ ވަނީ، ލުބުނާނު ހަނގުރާމަ ހުއްޓުވުމާއި އަދި އެމްއޯޔޫގައި ހިމެނޭ އެންމެ ކަމަކާ ޚިލާފްވިނަމަވެސް އެމެރިކާއަށްވެސް އެކަމުގެ ވަރުގަދަ ރައްދުތަކާ ކުރިމަތިލާން ޖެހޭނޭ ކަމަށްވެސް ވިދާޅުވެ އިންޒާރު ކުރައްވާފައެވެ.










ކިޔުންތެރިންގެ ހިޔާލު