ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ބޭނުންވަނީ ވަރުގަދަ އަޚްލާގީ މިންގަނޑެއްކަމަށް އިސްލާމިކް ޔުނިވަސިޓީ އޮފް މަދީނާގެ ރައީސް ޕްރޮފެސަރު ޑރ. ޞާލިޙް އަލްޢަޤުލާ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން އިމްތިޒާމްކޮށްގެން ކުރިއަށް ގެންދާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ)ގައި ކުރެއްވި ތަގްރީރުގައި ޑރ. ޞާލިޙް އަލްޢަޤުލާ ވަނީ ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި އުނގެނޭ މުޖުތަމައެއް ބިނާކުރުމުގެ މުހިންމު މައުޟޫއަށް، މިފަދަ ތާރީހީ ބައްދަލުވުމެއް އިންތިޒާމުކުރެއްވިކަން ފާހަގަކުރައްވާފައެވެ.
މުސްތަގުބަލަށްޓަކައި އަޅުގަނޑުމެން ބިނާކުރަން ބޭނުންވަނީ ކޮންކަހަލަ އިންސާނެއްތޯ އާއި، އިންސާނުންނަށްޓަކައި އަޅުގަނޑުމެން ބިނާކުރަން ބޭނުންވަނީ ކޮންކަހަލަ މުސްތަގުބަލެއްތޯ ސުވާލުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޑރ. އަލްޢަޤުލާ ވިދާޅުވީ، ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން، ދިވެހިންގެ ކިބައިގައި ހުރި މާތް އަހުލާގާއި އޯގާތެރިކަމަށް ތައުރީފު ކުރައްވަމުން، މަދީނާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ އަހުލާގާއި، ހިތްވަރާއި، ނަޒާހަތްތެރިކަންކަމަށެވެ.

އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި އެ ދަރިވަރުންނަކީ ސައުދީ އަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް އަޚުވަންތަކަމުގެ ދިރިހުރި މިސާލެއް ކަމަށެވެ. ރާއްޖޭގެ ރަށްތައް ކަނޑުގެ ލޮނުގަނޑުން ގުޅުވާލަދީ އެއް ގައުމަކަށް ހަދައިދޭ ފަދައިން، އިލްމަކީ މުޖުތަމައުތައް ގުޅުވައިދޭ ވަސީލަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާމީ ތަސައްވުރުގައިވާ “ޚިލާފަތު” ނުވަތަ އިންސާނާ ދުނިޔެ ބެލެހެއްޓުމުގެ މަސްއޫލިއްޔަތުގެ މައްޗަށް ބިނާކޮށް އެމަނިކުފާނު ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ވަރުގަދަ އަހުލާގީ މިންގަނޑެއް ބޭނުންވާ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުންތައް ދާންޖެހޭނީ ހިކުމަތްތެރިކަމާއެކު، އިންސާނިއްޔަތަށް އިސްކަންދީގެންކަން ބަޔާންކުރެއްވިއެވެ.
އާޓިފިޝަލް އިންޓެލިޖެންސާއި ޑިޖިޓަލް ބާޒާރުތަކަށް އަންނަ ހަލުވި ބަދަލުތަކާއެކު ކުރިއަށް ދިއުމަށްޓަކައި، މުހިންމު ތިން ބަދަލެއް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސައުދީ އަރަބިއްޔާގެ ‘ވިޝަން 2030′ އަށް އަލިއަޅުއްވާލައްވަމުން، ގައުމެއްގެ އެންމެ އަގުބޮޑު ރައުސްމާލަކީ އިންސާނީ ފިކުރު ތަރައްގީކުރުން ކަމުގައި ޑރ. އަލްޢަޤުލާ ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު