އިސްލާމީ ކަންތައްތަކަށް ދެފަރާތުން އެއްބާރުލުން ދިނުމާއި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއާއެކު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޝަހީމް ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ސަގާފީ އަދި އިސްލާމީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން އަލިއަޅުވައިލެއްވި ކަމަށެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރުމާ މެދުވެސް ވާހަކަފުޅު ދެއްކެވިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވެވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ. ބައްދަލުކުރެއްވުމުގައި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ބަހައްޓަވާ ގާތްކަމާއި އިސްލާމީ ދާއިރާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ސަޢުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ވަޒީރު ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ސަޢުދީއާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެ، ދިވެހި ޙައްޖުވެރިންނަށް ސަޢުދީ ސަރުކާރުން އިތުރު ލުއިފަސޭހަތަކެއް ހަމަޖައްސަވައިދެއްވާފައިވާކަން ސަރުކާރުން ފާހަގަކުރައްވައެވެ. އަދި ސަޢުދީ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ދެއްވާ އެއްބާރުލެއްވުމަށްވެސް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކުރީ ނަވާރަސަތޭކަ އަށްޑިހަ އެކެއްގެ މާރިޗު މަހުގެ ސަތާރަވަނަ ދުވަހުއެވެ. ސަޢުދީއަކީ ރާއްޖޭގެ ތަރައްޤީއަށާއި އިސްލާމީ ދާއިރާއަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުން އަންނަ މުހިންމު ބައިވެރިއެކެވެ.










ކިޔުންތެރިންގެ ހިޔާލު