ކަސްޓަމްސްގެ ޚިދުމަތްތައް ބައްޓަންކުރާނީ ޑިޖިޓަލްކޮށް ދިނުމަށްކަމަށް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 136 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ދެއްވި ޚާއްސަ މެސެޖުގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ކަސްޓަމްސްއަކީ ދައުލަތުގެ އެންމެ ދިގު ތާރީޚެއް އޮތް މުއައްސަސާއެއްކަމަށެވެ. މި މުއައްސަސާއިން ކުރަމުން ދަނީ ޤައުމީ ސަލާމަތާބެހޭ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށް ވަޒީރު ވިދާޅިވިއެވެ. ޚާއްސަކޮށް ރާއްޖޭގެ ދޮރޯށިތައް ބެލެހެއްޓުމާއި، ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމުގެ އިތުރުން ރާއްޖެއަށް ވަންނަ އާމްދަނީގެ ބޮޑު ހިއްސާއެއް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ޒިންމާ ގިނަ ދުވަސްތަކެއް ވަންދެން ކަސްޓަމްސްއިން އިހްލާސްތެރިކަމާއެކު ބަލަހައްޓަމުންދާކަމަށްވެސް ވިދާޅުވިއެވެ.
މި ސަރުކާރު އައިފަހުން ރާއްޖޭގެ ބޯޑަރުން ޑްރަގް އަތުލުމާއި، ޤާނޫނީ ގޮތުން މަނާކޮށްފައިވާ ތަކެތި ބޯޑަރުން އަތުލައިގަތުމުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް މި ދެއަހަރާއި ބައިގައި ކަސްޓަމްސްއިން ހޯދާފައިވާ ކަމަށާއި، ކުރިއަށް އޮތްތާގައިވެސް ރާއްޖޭގެ ރައްޔިތުންގެ ހައްޤުގައި އަގުހުރި ޤައުމީ މަސައްކަތްތަކެއް ކަސްޓަމްސްގެ އޮފިސަރުން ކުރަމުންދާނެ ކަމާމެދު ޝައްކެއް ނުކުރާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ
ކަސްޓަމްސްގެ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ބައްޓަން ކުރައްވާނެ ގޮތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ކަސްޓަމްސްގެ މަސައްކަތް ބައްޓަންވެގެން ދާނީ ޚިދުމަތްތައް ހަރުދަނާކުރެވި މިހާރަށްވުރެ ޑިޖިޓަލް އެންވަޔަރަމެންޓެއްގައި ކަމަށް ވިދާޅުވިއެވެ.
އެންފޯރސްމަންޓުގައި މިހާރަށްވުރެ ޓެކްނޮލިޖީ އެމްބެޑް ކުރެވިގެން ރާއްޖޭގެ ބޯޑަރުތައް މިހާރަށްވުރެ ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ މިއަދަށްވުރެވެސް ފުރިހަމައަށް ކުރުމަށް ކަސްޓަމްސްއިން ކަމަރު ބަންނާނެ.
ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ރާއްޖޭގައި ކަސްޓަމްސްގެ ޚިދުމަތް ފަށާފައިވަނީ، މީލާދީން 1890 ވަނަ އަހަރު ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. ބަންޑާރަ ފިހާރައިގެ ނަމުގައި ދޭން ފެށި މި ޚިދުމަތް މިހާރު ބޭނުންކުރާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަމަށް ބަދަލުވީ، 11 ނޮވެމްބަރ 1998 ގައެވެ. އަދި ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ މަދަނީ މުއައްސަސާއެއްގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ބަދަލު ވެގެންދިޔައީ، 11 މެއި 2011ގައެވެ.











ކިޔުންތެރިންގެ ހިޔާލު