ދިވެހި ތަރިކައިގެ ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން މިއަދު ހުޅުވާލައިފިއެވެ.
ދިވެހި ތަރިކައަށް ހާއްސަ ސިފަތައް ހޯދައި ދެނެގަތުމަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ މި ސްކޮލަރޝިޕަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) މެދުވެރިކޮށް “މާސްޓަރ އިން ރިސާރޗް އެންޑް ޕަބްލިކޭޝަންސް” ސަނަދު ހާސިލުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ފުރުސަތެކެވެ. މިއީ ދިވެހި ތަރިކައިގެ އިލްމު އުފެއްދުމާއެކު، ގާބިލު ތަރިކަވެރިންތަކެއް އުފެއްދުމުގެ މަގުސަދުގައި ހުޅުވާލި ފުރުސަތެކެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ފުރިހަމައަށް ސްޕޮންސަރ ކޮށްގެން ކުރިއަށްގެންދާ މި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. 2 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ރިސާރޗް ޕްރޮގްރާމްގެ ދަށުން، ކޮންމެ މަހަކު އެއްފަހަރު ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒަށް ހާޒިރުވެ، ދާއިރާގެ އަމަލީ މަސައްކަތްތަކުގައި ބައިވެރިވާންޖެހެއެވެ. މި ސްކޮލަރޝިޕްގައި ދިރާސާކުރާނެ މައުޟޫއުތައް ކަނޑައަޅާނީ އެ މަރުކަޒުންނެވެ.
މި ފުރުސަތުގެ ދަށުން ބައިވެރިންނަށް ތަރިކައިގެ ދާއިރާގެ ފަންނީ ހުނަރުތައް ދަސްކުރުމުގެ އިތުރުން، އިލްމީ އަދި ދިރާސީ ފޮތްތައް ޝާއިއުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހާއްސަ ސެޝަނެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ސްކޮލަރޝިޕްގެ ބައިވެރިން ފުރިހަމަކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި:
- ކަނޑައެޅޭ މައުޟޫއާ ގުޅޭގޮތުން ކޮންމެ މަހަކު 1 ދިރާސާ ކަރުދާސް ތައްޔާރުކޮށް ޝާއިއުކުރުން.
- ދިރާސާކުރާ ދާއިރާއިން މަދުވެގެން 1 ފޮތް ދިވެހިބަހަށް ތަރުޖަމާކޮށް، ދިވެހިރާއްޖެއާ ގުޅޭގޮތުގެ ކޮމެންޓްރީއެއް ތައްޔާރުކުރުން.
- ކޯސް ނިންމުމަށްފަހު 2 އަހަރު ދުވަހުގެ މުއްދަތަށް ދިވެހި ތަރިކައިގެ ދާއިރާއަށް ހިދުމަތްކުރުން.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރުވެސް މި ދާއިރާއިން 40 ފަރާތަކަށް ވަނީ “ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް” ދީފައެވެ. ދިވެހި ގައުމިއްޔަތު އިއާދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ އެއް މަސައްކަތެވެ.











ކިޔުންތެރިންގެ ހިޔާލު