ހުޅުމާލޭގައި ގާއިމުކުރާ 100 މެޓްރިކް ޓަނުގެ ބޮޑު ކަންނެލި ޕެކިން ފެކްޓަރީގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމައި ހިދުމަތްދޭން ފަށާނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ގާއިމުކުރާ ކަންނެލި ފެކްޓަރީ އެޅޭނެ ތާރީހެއް އޮޅުންފިލުވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، އެ ފެކްޓަރީ ގާއިމުކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. ބޮޑު ކަންނެލީގެ މަސްވެރިންނަށް ހާއްސަކޮށްގެން ތަރައްގީކުރާ 100 ޓަނުގެ މި ފެކްޓަރީ އެޅުމަށްޓަކައި ހުޅުމާލެއިން 25،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ފެކްޓަރީގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލައި، ކަންނެލި މަސްވެރިންނަށް ހިދުމަތްދޭން ފެށުމެވެ.
ރާއްޖޭގައި ކުރާ ބޮޑު ކަންނެލީގެ މަސްވެރިކަމުގައި މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޕެކިން ފެސިލިޓީއެއްގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބުމެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި ހުޅުމާލޭގައި ގާއިމުކުރެވޭ އާ ފެސިލިޓީއާއެކު މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މި ފެކްޓަރީގެ ޒަރީއާއިން، ކަންނެލި މަސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދައިދެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ބޮޑު ކަންނެއްޔަށް ރަނގަޅު އަގެއް ހޯދައިދެވޭނީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ އިތުރުން މަސްވެރިންގެ ބައިވެރިވުމާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. ރައީސް އޮފީހުން ގެނެސްދޭ ޕޮޑްކާސްޓެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މިފްކޯއިން ބޮޑު ކަންނެލި ގަތުން އޮތީ ހުއްޓާލާފައި ކަމަށާއި، ނަމަވެސް މިހާރު މަސައްކަތް ކުރަމުންދަނީ އެ ކުންފުނި އަނބުރައި މި ވިޔަފާރީގެ ތެރެއަށް ގެނައުމަށް ކަމަށެވެ.
ކަނޑުއޮތްގިރީގައި މިފްކޯއިން ކުރިއަށްގެންދިޔަ ބޮޑު ކަންނެލި އެކްސްޕޯޓުކުރުމުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އަލުން ވަނީ ކަންނެލި ގަންނަން ފަށާފައެވެ. މިގޮތުން 10 ކިލޯއާއި 15 ކިލޯއިން މަތީގެ ކަންނެލި މިހާރުވެސް މިފްކޯއަށް ގަންނަމުންދާއިރު، އެ ކުންފުނިން ކަންނެލި ކިލޯއެއް ގަންނަ އެންމެ މަތީ އަގަކީ 25 ރުފިޔާއެވެ.









ކިޔުންތެރިންގެ ހިޔާލު