ހުޅުމާލޭގައި އަޅަން މި ސަރުކާރުން ނިންމާފައިވާ ބޮޑު ކަންނެލި ޕްރޮސެސްކުރާ ކާރުޚާނާގެ މަސައްކަތް ނިންމައި މި އަހަރު އެ ތަނުން ޚިދުމަތް ދޭން ފެށުމަކީ އަމާޒެއް ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، ބޮޑު ކަންނެލި މަސްވެރިންގެ ހުރި ޑިމާންޑުތަކަށް ހައްލެއް ލިބޭނީ ހުޅުމާލޭގައި ބޮޑު ކަންނެލި ގަނެ، ޕްރޮސެސް ކުރެވޭނެ އިންތިޒާމެއް ހަމަޖެހުމުން ކަމަށެވެ.

މިގޮތުން، ހުޅުމާލެއިން ލިބިފައި އޮތް ޕްލޮޓެއްގައި ބޮޑު ކަންނެލި ޕްރޮސެސް ކުރާނެ ކާރުޚާނާއެއް ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

"ލަސްތަކެއްނުވެ، އެ މަޝްރޫއު އިރާދަކުރެއްވިއްޔާ ފެށި، އަޅުގަނޑުމެންގެ އަމާޒަކީ މި އަހަރުގެ ތެރޭގައި ބޮޑު ކަންނެލި މަސްވެރިންނަށް އެތަނުން ޚިދުމަތް ލިބިގެން ދިޔުން،" ޝިޔާމް ވިދާޅުވިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޒަމާންވީ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފްކޯއިން ބަލަހައްޓާ ކަނޑުއޮތްގިރިއަށް ބޮޑު ކަންނެލި ކިލޯއެއް 25 ރުފިޔާއަށް ގަންނަން މިހާރު ވަނީ ފަށާފައެވެ. އަދި 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި 20 ރުފިޔާއަށް ގަންނަން ވެސް މިފްކޯއިން ވަނީ ފަށާފައެވެ.