މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކުރިއަށްގެންދިޔަ މަޝްރޫޢުގެ ދަށުން މާލޭ ނޯތު ހާބަރގެ “އޭ ޒޯން” ގައި އޮޑިދޯނިފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފޯރުކޮށްދޭން ފަށައިފިއެވެ.
މީގެ ކުރިން މާލެ ނޯތު ހާބަރގެ “އޭ ޒޯން” ނުވަތަ ބޮޑުތަކުރުފާނު މަގާވީ ފަރާތުން ފެނާއި ކަރަންޓުގެ ޚިދުމަތެއް ނުލިބެއެވެ. އޭރު މި ޚިދުމަތްތައް ފޯރުކޮށްދެމުން ދިޔައީ ހަމައެކަނި “ބީ ޒޯން” އަދި “ސީ ޒޯން” އިންނެވެ. އެހެންނަމަވެސް، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ސެގްމަންޓް ފުރިހަމަކޮށް، މާލޭ ނޯތު ހާބަރ ސަރަހައްދު އަލުން ހުޅުވުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އެ ހާބަރގެ ޚިދުމަތް ފުޅާކޮށް، އޭ ޒޯންގައި ފެނާއި ކަރަންޓުގެ ޚިދުމަތް ޤާއިމުކުރުމަށް އަންގަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމާ ގުޅިގެން، މިއަހަރުގެ މާޗު މަހުގެ ތެރޭގައި އެމްޕީއެލް އިން ވަނީ އޭ ޒޯންގައި ކަރަންޓާއި ފެން ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ފަށާފައެވެ. މި މަޝްރޫޢު ނިމުމާއެކު، މިހާރު އޭ ޒޯން އިން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އުޅަނދުފަހަރަށް ފެން ދޫކުރުމަށްޓަކައި 16 ޕޮއިންޓެއް އެ ސަރަހައްދުގައި ވަނީ ޤާއިމުކޮށްފައެވެ.

މާލޭ ނޯތު ހާބަރގެ އޭ ޒޯން އިން މި ޚިދުމަތްތައް ލިބެން ފެށުމަކީ އެ ސަރަހައްދު ބޭނުންކުރާ އޮޑިދޯނިފަހަރަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. އެމްޕީއެލް އިން ބުނެފައިވާ ގޮތުގައި، މި ނިޒާމު ޤާއިމުކޮށް ޚިދުމަތް ފެށުމަށްޓަކައި މާލޭ ނޯތު ހާބަރާއި އެ ކުންފުނީގެ ކަމާގުޅުންހުރި އެހެނިހެން ޑިޕާޓްމަންޓްތަކުން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މިއާއެކު، ބަނދަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، އުޅަނދުފަހަރަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހޯދުމަށް އޮތް ދަތިކަމަށް ވަނީ ނިމުމެއް އައިސްފައެވެ.









ކިޔުންތެރިންގެ ހިޔާލު