ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު، ހިޖުރީ އާ އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

ސާޖިދާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިމިދިޔަ އަހަރު ދިވެހި ގައުމާއި ރައްޔިތުންނަށް ދެއްވި ނިއުމަތްތަކަށް ހަމްދާއި ޝުކުރު ކުރަމުން، ހިޖުރީ 1448 ވަނަ އަހަރަށް މަރްޙަބާ ދަންނަވާ ކަމަށެވެ.

އަދި މިއަހަރުގެ އެންމެހާ ހެވާއި ލާބައެއްގައި ދިވެހި ލޮބުވެތި ރައްޔިތުން ޝާމިލް ކުރެއްވުން އެދި ދުއާ ކުރައްވާފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސް ޑރ. މުއިއްޒު ވެސް ވަނީ ހިޖުރީ އާ އަހަރުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފައެވެ.

މި ތާރީހީ އަދި އުފާވެރި މުނާސަބާގެ ހެޔޮ އެދުންތައް ފޮނުއްވައި ރައީސް ޑރ. މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފެށުނީ ތާރީހީ އަހަރެއް ކަމަށެވެ. މިއީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރުމުގެ މުނާސަބާ އަޅުގަނޑުމެންނާ ބައްދަލުކުރާނެ ޚާއްސަ އަހަރު ކަމުގައި ވިދާޅުވިއެވެ.

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބާގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންޞާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫޙު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި ދިރުވަންޖެހޭ ކަމަށެވެ.

ގައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ، އެއް އަމާޒަކަށް ދިޔުމަށް އަތުގުޅާލައިގެންކަން އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރެއްވިއެވެ. އަދި އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި މުޖުތަމައު އިސްލާހުކޮށް، ނޭދެވޭ އެންމެހައި ކަންކަމުން ދުރުވެ، ހެޔޮކަމުގެ މަގަށް، ހިތާއި ނަފްސުން ހިޖުރަކުރުމަށް އަޒުމް ކަނޑައެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.