މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ދަތި އަދި އުނދަގޫ ޙާލަތަކާ ކުރިމަތިލާ ޓީމަކީ އީރާނެވެ. އެއީ މުބާރާތުގެ ބޭރުން އެޤައުމަށް އޮތް ފިއްތުންތަކުގެ ސަބަބުންނެވެ. މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުންނެވެ.
އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ކުރިއަށްދާ ވޯލްޑްކަޕާއި އެމެރިކާ ކުރިމަތިލާއިރު ދަނޑު ބޭރުން އެގައުމަށް ވަނީ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. އޭގެ އެއް ސަބަބަކީ އެމެރިކާ އާއި އިރާނާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިރާނުގެ ޓީމުގައި ހިމެނޭ ބައެއް މެމްބަރުންނަށް އެމެރިކާއިން ވިސާ ދީފައި ނުވުމެވެ.
ގްރޫޕް ސްޓޭޖުގައި އީރާނުން އެމެރިކާގައި 3 މެޗު ކުޅޭނެއެވެ. ކޮންމެ މެޗެއް ކުޅުމަށްފަހު އީރާނު ޓީމު އެމެރިކާއިން ބޭރުވާނެއެވެ. އެހެންކަމުން ކޮންމެ މެޗެއް ކުޅޭ ދުވަހު މެކްސިކޯއިން އެމެރިކާއަށް ދަތުރުކޮށް މެޗު ނިމުމުން އަނބުރާ އެ ޓީމު މެކްސިކޯއަށް ދާނެއެވެ. މިއީ މި މުބާރާތުގައި ޓީމަކުން އުފުލާނެ އެންމެ ބޮޑު ތަކުލީފަށްވާނެއެވެ.
އިރާނުން މި ފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވެފައިވާއިރު، ކޮލިފައިންގައި ކުޅުނު 16 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ތިން ފަހަރު މަތިން އޭޝިޔާގެ ޗެމްޕިއަންކަން ހޯދާފައިވާ އިރާނުން ހަ ވަނަ ފަހަރަށް ވޯލްޑްކަޕާއި ކުރިމަތިލާއިރު މި ޓީމަށް މިހާތަނަށް ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅަ ދެވިފައެއް ނުވެއެވެ.
އީރާނާ ދެކޮޅަށް މިރޭ ނިކުންނަ ނިއުޒިލޭންޑް، އެންމެ ފަހުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ވަނީ އެއްވަރުވެފައެވެ. އެ ޓީމަށް އަދި މިހާތަނަށް މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ލިބިފައެއް ނުވެއެވެ. ގްރޫޕް ޖީގައި ނިއުޒިލޭންޑުގެ އިތުރުން ބެލްޖިއަމް އާއި އިޖިޕްޓްގެ އިތުރުން ދެން ހިމެނެނީ އިރާނެވެ.
ނިއުޒިލޭންޑް ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިންގެ ތެރެއިން އެންމެ މުހިންމު ދައުރެއް އަދާކުރާނީ ޕްރިމިއާ ލިގުގެ ނޮޓިންހަމް ފޮރެސްޓަށް ކުޅެމުންދާ ކްރިސް ވުޑް އަދި ޑިފެންޑަރ ޓޮމީ ސްމިތެވެ. މި ދެކުޅުންތެރިން ވެސް ވެފައިވަނީ ދެ ވޯލްޑްކަޕެއްގައި ނިއު ޒިލޭންޑަށް ކުޅޭ ފުރަތަމަ ދެ ކުޅުންތެރިންނަށެވެ.
ވޯލްޑްކަޕްގައި ތިންވަނަ ފަހަރަށް ނިއު ޒިލޭންޑް އިން ވާދަކުރާއިރު މިއީ 2010 ވަނަ އަހަރަށްފަހު އެ ގައުމުން ވޯލްޑްކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އޭގެ ކުރިން ނިއުޒިލޭންޑް އިން ވޯލްޑްކަޕްގައި ކުޅެފައިވަނީ 1982 ވަނަ އަހަރު ސްޕެއިންގައި ބޭއްވި ވޯލްޑްކަޕްގަ އެވެ.










ކިޔުންތެރިންގެ ހިޔާލު