ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމް ޤާއިމްކޮށް ހިންގުމާއި ގުޅުން ހުރި ގިނަ ތަފްސީލްތަކާއި އެކު “ޑިޖިޓަލް އައިޑެންޓިޓީގެ ބިލު” ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަބްދުއްރަޙްމާންއެވެ.
ޑިޖިޓަލް އައިޑެންޓިޓީގެ ބިލުން ދައުލަތުގެ އިދާރާތަކާއި، ޤާނޫނީ ޝަޙްސުތަކާއި އެ ނޫން ވެސް ފަރާތްތަކާއި އެކު، އެކި ފަރާތްތަކުން އޮންލައިންކޮށް ކުރާ މުޢާމަލާތުތަކުގައި، ޚިދުމަތް ހޯދުމުގައި އައިޑެންޓިޓީ ކަށަވަރު ކުރުމަށް ބޭނުން ކުރާ މައުލޫމާތުގެ ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތެއްގެ މަތިން އެ ނިޒާމް ފަރުމާކޮށް ހިންގުމަށް ބޭނުންވާ އުސޫލުތައް ކަނޑައަޅާނެއެވެ. މީގެ އިތުރުން މި ނިޒާމްގެ ރައްކާތެރިކަމާއި އިތުބާރު ދެމެހެއްޓުމަކީ މި ބިލުގެ މަޤްސުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އަބްދުއްލަތީފް ވަނީ ބިލު ހުށަހަޅުއްވަމުން ވިދާޅުވެފައެވެ.
މި ބިލް ފަރުމާކޮށްފައި ވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި، ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މި ޤާނޫނުގެ ދަށުން ޤާއިމްކުރެވޭ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމު މެދުވެރިކޮށް ހިންގާ ޑިޖިޓަލް އައިޑެންޓިޓީ އާއި ގުޅުން ހުރި ހަރަކާތްތަކާއި، ރާއްޖޭގައި ހުރުމުގެ ހުއްދަ އަށް އެދޭ ފަރާތްތަކާއި، ރާއްޖޭގައި ހިންގާ ނުވަތަ ރާއްޖެ އާއި ގުޅުން ހުރި އޮންލައިން ޚިދުމަތްދޭ ފަރާތްތަކުގެ މައްޗަށް ޤާނޫނު ހިނގާ ގޮތަށެވެ.
މި ޤާނޫނުގެ ދަށުން އެކުލަވާލާ ނިޒާމް ހިންގުމަށާއި، އެ ނިޒާމް ތަރައްޤީކުރުމަށްޓަކާ “ޑިޖިޓަލް އައިޑެންޓިޓީ ޓޭކްނިކަލް އެޑްވައިޒަރީ ކޮމިޓީ” ގެ ނަމުގައި ކޮމިޓީ އެއް އެކުލަވާލަން ވާނެ ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ. އެ ކޮމިޓީ އެކުލަވާލުމަށް ދީފައިވާ މުއްދަތަކީ 90 ދުވަހެވެ. މި ކޮމިޓީ އެކުލަވާލުމުގެ ބާރު ދީފައި ވަނީ ކަމާއި ގުޅުން ހުރި ވަޒީރަށެވެ.
މި ކޮމިޓީ އެކުލެވިގެން ވަނީ މިނިސްޓަރ ތަމްސީލްކުރުމަށް، މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ ތެރެއިން މިނިސްޓަރ ކަނޑައަޅާ ފަރާތެއް، ޑިޖިޓަލް ސަރވިސް ތަމްސީލްކުރުމަށް އައްޔަންކުރާ ފަރާތަކާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ތަމްސީލްކުރުމަށް އެ ޑިޕާޓްމަންޓުން އައްޔަން ކުރާ ފަރާތަކާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ފިޔަވާ އައިޑެންޓިޓީ މައުލޫމާތު ފޯރުކޮށްދޭ ފަރާތަތްތަކުގެ ގޮތުގައި މި ޤާނޫނުގެ ދަށުން ކަނޑައަޅާ ކޮންމެ ފަރާތަކުން އެ ފަރާތެއް ތަމްސީލް ކުރުމަށް އައްޔަންކުރާ ފަރާތެއް ހިމެނޭ ގޮތަށެވެ.
މީގެއިތުރުން ލާޖް-ސްކޭލް ޚިދުމަތް ދޭ ފަރާތްތައް ތަމްސީލްކުރުމަށް، އެ ފަރާތްތަކުގެ މަޝްވަރާ އާޢި އެކު ޑިޖިޓަލް ސަރވިސް އިން ކަނޑައަޅާ ފަރާތަކާއި، ސްމޯލް-ސްކޭލް ޚިދުމަތް ދޭ ފަރާތަތައް ތަމްސީލްކުރުމަށް އެ ފަރާތްތަކުން ކަނޑައަޅާ ފަރާތަކާއި، ޑިޖިޓަލް ސަރވިސް އިން ކަނޑައަޅާ ފަރާތަކާއި، މަދަނީ ޖަމިއްޔާތައް ތަމްސީލްކުރުމަށް މި ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތައް ތަމްސީލްކުރާ މަދަނީ ޖަމިއްޔާތަކުން އައްޔަން ކުރާ ފަރާތެއްގެ އިތުރުން ރައްޔިތުންނަށް ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސްޢޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ކުންފުންޏެއް އުފައްދާފައިވާ ނަމަ، އެ ކުންފުނިން އައްޔަން ކުރާ ފަރާތެއް ވެސް މި އެޑްވައިޒަރީ ކޮމިޓީގައި ހިމެނެ އެވެ.
އެގޮތުން އެކުލަވާލާ ކޮމިޓީގެ ޒިންމާތަކުގެ ތެރޭގައި ޑިޖިޓަލް ސަރވިސް އިން އެކުލަވާލާން ޖެހޭ ޤަވާއިދުތައް އެކުލަވާލުމުގައި ލަފާދިނުމާއި، އެ ނިޒާމު ހިންގަނީ އުސޫލާއި އެއްގޮތަށް ކަން ކަށަވަރުކުރުން ހިމެނެ އެވެ.
އެ ބިލުގައި ޑިޖިޓަލް އައިޑެންޓިޓީ އާއި ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކާއި، މި ނިޒާމްގައި ހިމެނޭ ފަރާތްތަކާއި، އައިޑެންޓިޓީ މަޢުލޫމާތު ފޯރުކޮށްދޭ ފރާތްތަކުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ވަނީ ތަފްސީލްކޮށްދީފަ އެވެ. ހަމައެހެންމެ، އައިޑެންޓިޓީ ބޭނުން ކުރުން މަނާ ޚާލަތުތަކާއި، ޒާތީ މައުލޫމާތު ބޭނުން ކުރުން މަނާ ހާލަތުތައް އެ ބިލުގައި ތަފްސީލްކޮށް ބުނެދީފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު