ސްރީލަންކާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފެންބޮޑު ވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަދުވެގެން 15 މީހުން މަރުވެއްޖެއެވެ.
ސްރީލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ޑީއެމްސީ) އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނިމިދިޔަ ހަފުތާބަންދުގައި ކުރި ބޯ ވިއްސާރައިގެ ސަބަބުން 19،000 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. ވެރިރަށް ކޮލަމްބޯ ހިމެނޭހެން އެ ގައުމުގެ 25 ދާއިރާގެ ތެރެއިން 20 ދާއިރާއަކަށް ވަނީ މި ކާރިސާގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. ޑީއެމްސީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 4،000 އަށްވުރެ ގިނަ ގެއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، 28 ގެއެއް ވަނީ އެއްކޮށް ހަލާކުވެފައެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ސްރީލަންކާގެ އަސްކަރިއްޔާއިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން، ބޯޓުފަހަރާއެކު ސިފައިންގެ ހަތް ޓީމެއް ނެރެފައިވާއިރު، ވައިގެ ސިފައިން ވަނީ ކުއްލި ހާލަތުގައި ބޭނުންކުރުމަށް ތިން ހެލިކޮޕްޓަރު ތައްޔާރީ ހާލަތަށް ގެނެސްފައެވެ. މީގެ އިތުރުން، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ކަރަންޓުގެ ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަރަންޓު ފޯރުކޮށްދޭ ކުންފުނިތަކުން ވަނީ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލާފައެވެ.
މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކުރެވޭތީ، ސްރީލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މުޅި ގައުމުގެ ހުރިހާ ސްކޫލެއް ބަންދުކުރުމަށް ނިންމާފައެވެ. އަދި ނޭޝަނަލް ބިލްޑިން ރިސަރޗް ސެންޓަރުން ވަނީ ހަތަރު ދާއިރާއަކަށް ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ އޮތްކަމުގެ ރެޑް އެލާޓް ނެރެފައެވެ. ޑީއެމްސީގެ ޑިރެކްޓަރ ޕްރަދީޕް ކޮޑިއްޕިލި ވިދާޅުވި ގޮތުގައި، ކޮލަމްބޯއާއި ދެކުނުގެ އެހެނިހެން ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ނުރައްކާ ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު