އެއަރބަސް މަތިންދާބޯޓު ގަތުމުގެ މުޢާމަލާތާ ގުޅިގެން ހިންގާފައިވާ ބޮޑު ކޮރަޕްޝަންގެ މައްސަލައެއްގެ ތަޙުޤީޤަށް، ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސަ ހައްޔަރުކޮށްފިއެވެ.
ނަމާލް ރާޖަޕަކްސަ ހައްޔަރުކޮށްފައިވަނީ ސްރީލަންކާގެ އެންޓި-ކޮރަޕްޝަން އޮތޯރިޓީން މިއަދު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށް އެ އިދާރާއަށް ހާޒިރުކުރުމަށް ފަހުގައެވެ.
މި މައްސަލައަކީ ޤައުމީ އެއަރލައިން، ސްރީލަންކަން އެއަރލައިންސަށް މަތިންދާބޯޓު ހޯދުމަށް ވިލާތުގެ މަތިންދާބޯޓު އުފައްދާ މަޝްހޫރު އެއަރބަސް ކުންފުންޏާއެކު ހިންގި މުޢާމަލާތުގެ ތެރެއިން، ލަންކާ ސަރުކާރުގެ އިސް މަސްއޫލުވެރިންނަށާއި ނުފޫޒުގަދަ ސިޔާސީ ބޭފުޅުންނަށް ބޮޑެތި ޢަދަދުތަކުން ރިޝްވަތު ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. ރާޖަޕަކްސަގެ ޢާއިލާގެ ވެރިކަމުގައި ހިންގި މި މުޢާމަލާތުގައި ނަމާލް މާލީ މަންފާތަކެއް ހޯއްދަވާފައިވާ ކަމަށް ތަޙުޤީޤީ އިދާރާތަކުން ތުހުމަތުކުރެއެވެ.

ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދޭ ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤު މިހާރު ވަނީ އިތުރަށް ފުޅާކޮށްފައެވެ. އަދި މި ބޮޑު ޚިޔާނާތުގައި ޝާމިލުވާ އެހެނިހެން ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ މެދުވެސް ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ސަރުކާރުގެ އިދާރާތަކުން ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު