ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެލްޖީއޭގެ ގޮފިތަކެއް ގާއިމުކުރި ނަމަވެސް އެތަންތަނަށް ސިޔާސީވެރީން ނުލައްވާނެ: ރައީސް

muiz
TTH_Ads
STO_Ads
Advertisement

ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު އުވައިލެވުނު އަތޮޅު ކައުންސިލުތައް ހިންގުމަށް އަތޮޅުތަކުގައި ގާއިމުކޮށްފައި ހުރި އަތޮޅު އޮފީސްތަކުގެ އިމާރާތްތަކުގައި އެލްޖީއޭގެ ގޮފިތަކެއް ގާއިމުކުރި ނަމަވެސް އެތަންތަނަށް ސިޔާސީވެރީން ނުލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މިރޭ ގެނެސްދިން “ނޭޝަން ޗެޓް” ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ އަތޮޅެއްގައި ޤާއިމުކުރީ އެލްޖީއޭގެ ގޮފިތަކެއް ކަމަށާ އެއީ ސިޔާސީ ތަންތަން ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ ތަންތަނަށް އަތޮޅުވެރީން ނުވަތަ ގަވަރުނަރުން ނުލައްވާނެ ކަމަށެވެ.

ސިޔާސީވެރީން ލައްވައިގެން ސިޔާސީ މަސައްކަތް ހިންގާނެ ތަނަކަށް އެ އޮފީސްތައް ނުވާނެ ކަމުގެ ޔަޤީންކަން ދެއްވާ ރައީސް ވިދާޅުވީ އެތަންތަން ހުންނާނީ އެލްޖީއޭގެ ސެކްޝަންތަކެއްގެ ގޮތުގަައި ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

“އެތަންތަނަށް ވަކީން ސިޔާސީވެރީން ނުލާނެ. އެއީ އަޅުގަނޑު ކުރަން ގަސްތުކުރާ ކަމެއް ނޫން،” ރައީސް ވިދާޅުވި އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށާއި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރެއިން އަތޮޅު ކައުންސިލުތައް އުވައިލި ނަމަވެސް، އެ ކައުންސިލުތަކުގައި މަސައްކަތްކުރަމުންއައި އިދާރީ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެކަން ކަށަވަރުކޮށް، ރަށު ކައުންސިލުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެލްޖީއޭއަށް މަގުފަހިވާނެ އިސްލާހެއް ގާނޫނުގައި ހިމެނިއެވެ.

ލާމަރުކަޒީ ގާނޫނުގެ 58 ވަނަ މާއްދާއަށް އިތުރުކުރި އަކުރެއްގެ ދަށުން، އެލްޖީއޭގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އިދާރީ ދާއިރާތަކުގެ ފެންވަރުގައި ތަންފީޒުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން އެ އިދާރާގެ މައްޗަށް ލާޒިމުކޮށްފައިވެއެވެ. އަދި އިދާރީ ދާއިރާތަކުގެ ފެންވަރުގައި އެލްޖީއޭގެ ހިދުމަތްތައް ދިނުމަށްޓަކައި، އިދާރީ ދާއިރާތަކުގައި އެ އިދާރާގެ އޮފީސްތައް ގާއިމުކުރުމުގެ އިހުތިޔާރު ދީފައިވެއެވެ. އެ މަގުސަދުގައި ގާއިމުކުރާ އޮފީސްތައް ހިންގަންވާނީ އަތޮޅުގެ ވެރިކަން ކުރާ ރަށްތަކުގައި ކަން ގާނޫނުގައި ބަޔާންކުރިއެވެ.

އަތޮޅު ވެރިކަންކުރާ ރަށްރަށުގައި ހިންގަމުންއައި އަތޮޅު ކައުންސިލުތަކުގެ އިދާރާތައް އެލްޖީއޭގެ ދަށަށް ބަދަލުކޮށް އެތަންތަނަކީ ގާނޫނުން އެލްޖީއޭގެ މައްޗަށް ލާޒިމުކުރާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ އިދާރާތަކެއްގެ ގޮތުގައި ހަމަޖައްސައި، ކުރިން އަތޮޅު ކައުންސިލުތަކުގައި މަސައްކަތްކުރި މުވައްޒަފުން އެ އިދާރާތަކަށް ބަދަލުކުރުމަށް ނިންމާފައިވާކަން އެލްޖީއޭއިން ހާމަކޮށްފައިވެއެވެ.

މި އޮފީސްތަކުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނެ މަސައްކަތްތަކަކީ އެލްޖީއޭގެ ފަރާތުން ކައުންސިލުތަކަށް ފޯރުކޮށްދޭންޖެހޭ ތަމްރީނުތައް ފޯރުކޮށްދިނުމާއި، ކައުންސިލުތަކުގެ މުވައްޒަފުން ތަމްރީނުކުރުމާއި، އަދި ކައުންސިލުތަކުގެ މަސައްކަތްތައް މޮނީޓާކުރުމެވެ.

އެލްޖީއޭގެ ހުރިހާ މުވައްޒަފުން ސިވިލް ސާވިސްއަށް ބަދަލުކޮށްފައިވާއިރު، އަތޮޅު ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންނަކީ ކުރިއްސުރެ ސިވިލް ސާވިސް މުވައްޒަފުންކަމަަށްވާތީ އެ މުވައްޒަފުންގެ ވަޒީފާއަށް އަދި މުސާރައަށް މި ބަދަލުގެ ސަބަބުން އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އެލްޖީއޭއިން ދީފައިވެއެވެ.

އެ އިދާރާއިން ބުނި ގޮތުގައި އަތޮޅުތަކުގައި އެލްޖީއޭގެ ގޮފިތައް ގާއިމުކުރެވުމުން ކައުންސިލުތަކާ ގުޅިގެން ކައިރިން އެލްޖީއޭގެ ހިދުމަތްތައް ފޯރުކޮށްދީ ކައުންސިލުތަކުގެ ހިންގުން މޮނީޓާކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވެ، ކައުންސިލުތަކާ ކައިރިން މަސައްކަތްކުރުމަށް މަގުފަހިވާނެއެވެ.

MWSC_ads
Advertisement
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނޭޝަން ޗެޓް ޕްރޮގްރާމް މިރޭ ރައީސްއާ އެކުގައި