އިންވެސްޓަރުންގެ އިތުބާރު ހޯދަނީ ދަރަނި ދައްކައި ރައްޔިތުންގެ ބޭނުންތައް ފުއްދަމުން ކަމަށާއި، އެ އަމާޒު ހާސިލުކުރަނީ ދައުލަތުގެ ރިޒާވް ހަރުދަނާކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރާ ހަވާލުވިއިރު އިޤްތިޞާދު ދަތިހާލެއްގައި އޮތް ނަމަވެސް، އިސްކަންދެއްވީ ރާއްޖެ ބަނގުރޫޓުނުވެ ހިފެހެއްޓުމަށާއި ޒަރޫރީ މުދާ އެތެރެކުރުމަށް ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން ފެބުރުވަރީ މަހު ރިޒާވް 1.2 ބިލިއަން ޑޮލަރަށް މަތިކުރެވުނުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާއެކު ތެލުގެ އަގު އުފުލި ދުނިޔޭގެ ވިޔަފާރި މާހައުލަށް ބަދަލުތަކެއް އައި ނަމަވެސް، 500 މިލިއަން ޑޮލަރުގެ ސުކޫކް ފަދަ ބޮޑެތި ދަރަނިތައް ސަރުކާރުން ދައްކާފައިވާ ކަމަށެވެ.
ދަރަނި އަދާކުރުމަށް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުވެސް ތަރައްޤީކުރަމުންދާއިރު، މިހާރު ކުރަމުންދާ މަސައްކަތުގެ އެދެވޭ ނަތީޖާ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖެއިން ބޭރުގައި ބާއްވާ އިންވެސްޓަރ ފޯރަމްތަކުގެ މައިގަނޑު ބޭނުމަކީ ފުރުޞަތުތައް ކިޔައިދިނުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ބޮޑެތި އިންވެސްޓަރުންގެ އިތުރުން ކުދި އަދި މެދުފަންތީގެ އިންވެސްޓަރުންވެސް ރާއްޖެއަށް އަންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އައިލާ މަޝްރޫޢުގެ އިތުރުން، ރަސްމާލޭގައި އީގަލް ހިލްސްއާ ހަވާލުކުރި މަޝްރޫޢާއި ގޫގުލްއިން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢު ފަދަ ބޮޑެތި އިންވެސްޓްމަންޓްތަކާއެކު އިންވެސްޓަރުންގެ އިތުބާރު މުސްތަޤުބަލުގައި ދަމަހައްޓަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.










ކިޔުންތެރިންގެ ހިޔާލު