ޕީއެސްއެމް ނިއުސްގެ 'ނޭޝަންޗެޓް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެމަނިކުފާނުގެ ސަރުކާރުން ބޭރުގެ ގުޅުންތައް ބަދަހިކުރުމުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަންކަމުގެ ތަފްޞީލު ހާމަކުރައްވާފައެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ވެރިކަން ފެށުމުގެ ކުރިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތީ އެހެން ބައެއްގެ ނުފޫޒު ފޯރުވުމަށް ފުރުޞަތު ލިބޭ ގޮތަށް، ވަކި ކޮޅަކަށް ލެނބިގެންނެވެ. އަދި އޭގެ ސަބަބުން ޤައުމުގެ ސަލާމަތަށް ނުރައްކާތަކާ ކުރިމަތިލާން ޖެހުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް، އެމަނިކުފާނު އިސްކަންދެއްވީ މި ސަރަޙައްދުގެ މަޞްލަޙަތު ރައްކާތެރިކުރުމާއެކު، ޤައުމަށާއި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް އިޚްތިޔާރުކުރުމަށް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، އެހެން ދަޢުލަތްތަކުގެ މެދުގައި އުފެދޭ ޚިލާފުތަކުގެ ތެރެއަށް ވަދެ، ވަކި ކޮޅަކަށް ވާހަކަދެއްކުމަކީ ރާއްޖެއިން ކުރާނެ ކަމެއް ނޫން ކަމުގައިވެސް ވިދާޅުވިއެވެ.
ބޭރުގެ އެކުވެރިކަން ޤާއިމުކުރުމުގައި ޤައުމީ މަޞްލަޙަތު އެންމެ ކުރިއަށް ނެރުއްވާނެ ކަމަށާއި، އަސްކަރީ ގޮތުން ވިޔަސް އަދި އެ ނޫން ގޮތަކުން ވިޔަސް ރާއްޖޭގެ މައްޗަށް އެއްވެސް ބޭރު ޤައުމެއްގެ ބާރެއް ނޯންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ހަމައެއާއެކު، ރާއްޖޭގެ ފަރާތުން ސަރަޙައްދީ ހަމަޖެހުމަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ވަކި ޤައުމެއްގެ ޕަޕެޓަކަށް ވާގޮތަށް އޮތް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ ރާއްޖޭގެ ރައްޔިތުން ޤަބޫލުކުރާކަމެއް ނޫން. އެ ސިޔާސަތު މަޑުމަޑުން މިދިޔަ 3 އަހަރު އަޅުގަނޑުމެން މިއޮތީ ފަސްލާ ވަޅުލައި ނިންމާފައި." ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރަޙައްދީ އަމަންއަމާންކަން ޤާއިމުވެ، މެދުކެނޑިފައިވާ ސާކް ސަމިޓުތައް އަލުން ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އިސްލާމީ ދަޢުލަތެއްގެ ގޮތުގައި އޮވެ، މުސްލިމް ޤައުމުތަކާއެކު އޮންނަ އަޚުވަންތަކަމުގެ ގުޅުމަކީ ދުވަހަކުވެސް ވަކިވެގެން ނުދާނެ ގުޅުމެއްކަން ފާހަގަކުރައްވައި، އެފަދަ ޤައުމުތަކާއެކު އޮންނަ އެކުވެރިކަން ހަރުދަނާކުރުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޚާރިޖީ ކަންކަން ނިންމުމުގައި އަބަދުވެސް އިސްކުރަންވާނީ ރައްޔިތުންގެ ލާބަޔާއި މަންފާ ކަމުގައި ބަޔާންކުރެއްވިއެވެ.
ރާއްޖޭގެ ބޭރުގެ ގުޅުންތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުން އެދެވޭ ނަތީޖާ ފެންނަމުންދާ ކަމަށާއި، ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ގެންގުޅުއްވި ހަރުދަނާ ޚާރިޖީ ސިޔާސަތަކީ ނަމޫނާއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. އެ ދުވަސްވަރު ދިވެހިރާއްޖެއިން ގުޅުންތައް ދަމަހައްޓަމުން އައީ ހުރިހާ ފަރާތްތަކަކާ މެދުވެސް ހަމަހަމަކޮށް، ވަކި އަތަކަށް ނުޖެހޭ އުޞޫލަކުން ކަމަށް ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.
"އެއީ އަޅުގަނޑުގެވެސް ސިޔާސަތަކީ. ހުރިހާ އެންމެންނާވެސް ވީހާވެސް ގާތް ގުޅުމެއް ބޭއްވުން." ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއަށްދާނީ ދިވެހިންގެ ޤައުމީ އިންތަކުގެ ތެރޭގައި ކަމަށާއި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެކަން ޢަމަލީ ގޮތުން ދައްކުވައިދީފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.