ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތުހުމަތުކުރެވޭ އަލީ ޝާހިލްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމެއް ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅި ނަމަވެސް، އެ މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފިއެވެ.
ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލްގެ ވަކީލު ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލަ އެ ކޯޓުން ބޭރުކޮށްލީ މިދިޔަ އާދިއްތަ ދުވަހުއެވެ. ކޯޓުން މި މައްސަލަ ބަލައިނުގަތީ، އިސްތިއުނާފު ފޯމާ އެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނުވާތީއެވެ. ޝާހިލްގެ މައްޗަށް ކޮށްފައިވާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމާ ގުޅިގެން، އޭނާ ވަނީ ހައިކޯޓަށް ދެ މައްސަލައެއް ހުށަހަޅާފައެވެ.
ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ޝާހިލްގެ މައްޗަށް އުފުލާފައިވާ ގަސްތުގައި މީހަކު މެރުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަދިވެސް ކުރިއަށް އެބަދެއެވެ. ޝާހިލްގެ މައްޗަށް އުފުލާފައިވާ ބައެއް ދައުވާތައް ސިއްރުކޮށްފައިވާ އިރު، މި މައްސަލައިގެ ބާކީ ހުރި ހުކުމްތައް މި މަހުގެ ތެރޭގައި އިއްވާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 6 ވަނަ ދުވަހު މާލޭގެ ހ. ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު އަނިޔާވެރިގޮތަކަށް މަރާލި މައްސަލައިގައި ޝާހިލްގެ މައްޗަށް ދައުވާކުރީ އޭގެ ފަހުންނެވެ. ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި ޝިއާއު މަރުވީ ޝާހިލް ދިން ހަމަލާތަކުގެ ސަބަބުންނެވެ.





ކިޔުންތެރިންގެ ހިޔާލު