މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ދިވެހި ހައްޖުވެރިންގެ ތެރެއިން ތިންވަނަ ގްރޫޕް މިއަދު ފުރައިފިއެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށްދާ މީހުންގެ ތިންވަނަ ގްރޫޕް، ފުރީ ސައުދިއާ އެއާލައިންގެ ފްލައިޓެއްގައި މިއަދު މެންދުރަފަހު 15:25 ހާއިރު އެވެ. މި ފްލައިޓުގައި 250 ހައްޖުވެރިން ދަތުރުކުރާ އިރު، މި ފްލައިޓު ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ޖައްސާނ ކަމަށް ލަފާކުރެވެނީ ރާއްޖެ ގަޑިން މިރޭ 20:30 ހާއިރުއެވެ.
ދިވެހިރާއްޖެއަށް މިއަހަރު ލިބިފައިވާ 1000 ހައްޖު ކޯޓާގެ ދަށުން ހައްޖުވެރިން ގެންދިއުމަށް 4 ފްލައިޓެއް ހަމަޖައްސާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުދިއާ އެއާލައިންގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ. ފުރަތަމަ ގްރޫޕުގައި 238 ހައްޖުވެރިން ވަނީ ފުރާފައެވެ. ދެވަނަ ފްލައިޓުގައި 260 ހައްޖުވެރިން މިމަހުގެ 17 ވަނަ ދުވަހު މޯލްޑިއަން މެދުވެރިކޮށް ފުރާފައިވާއިރު، މިއަދު ފުރި ތިންވަނަ ފްލައިޓުގައި 250 މީހުން ހިމެނެއެވެ. ބާކީ ތިބި ހައްޖުވެރިންނާއެކު ފަހު ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެ ފްލައިޓުގައި 252 ހައްޖުވެރިން ދަތުރުކުރާނެއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ހައްޖުވެރިން ފުރަން އޮންނަ ދުވަހުގެ ކުރިން އެމީހުންގެ ފޮށިތައް ނަގާ ދުރާލާ ޗެކިން ކުރުމުގެ މަސައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވަނީ ކޮށްފައެވެ. މީގެ އިތުރުން ހައްޖުވެރިންނަށް ޚާއްސަކޮށްގެން އެއާޕޯޓަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ބަސް ދަތުރުތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.





ކިޔުންތެރިންގެ ހިޔާލު