ޤައުމީ ޤުރްއާން މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ކުރިން ބޭއްވި މުބާރާތްތަކާ ޚިލާފަށް 38 ވަނަ ޤައުމީ ޤުރްއާން މުބާރާތް ބާއްވަނީ ތިން ބުރަކަށް ބަހާލައިގެން ނެވެ. ފުރަތަމަ ބުރަކީ މުބާރާތައް ބައިވެރިން ހޮވަން ބާއްވާ އޮޑިޝަން ބުރެއެވެ.
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޤައުމީ ޤުރްއާން މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ މަރުކަޒުގެ އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެ ކަމަށެވެ. ބައިވެރިވުމުގެ ސުންގަޑިއަކީ މޭ މަހުގެ 18 ވަނަ ދުވަހެވެ.

ޤުރްއާނާ ބެހޭ މަރުކަޒުން ބުނީ، ޤައުމީ ޤުރްއާން މުބާރާތައް ބަދަލު ގެނައީ ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއެކު މުބާރާތުގެ ވާދަވެރިން އިތުރުކުރެވޭނެ ގޮތްތައް ބަލައި، މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ މަޤްޞަދުގައި ކަމަށެވެ.
މި އަހަރު ގެނައި ބަދަލާއެކު ޤައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވެވޭނީ 26 އަހަރު ނުފުރޭ، މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށެވެ. އަދި މުބާރާތުގައި ބައިވެރިވެވޭނީ ފަރުދީ ގޮތުންނެވެ.
ޤައުމީ ޤުރްއާން މުބާރާތް ދެން ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެއީ:
މުބާރާތުގެ އޮޑިޝަން ބުރު
މުބާރާތުގެ ސެމީ ފައިނަލް ބުރު
މުބާރާތުގެ ފައިނަލް ބުރު
އޮޑިޝަން ބުރު ކުރިއަށް ގެންދަނީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާ މުއްދަތުގެ ތެރޭގައި ފޯމް ހުށައަޅާ ފަރާތްތަކުގެ މެދުގައި އޮޑިޝަން ބުރެއް ބާއްވާނެއެވެ. މި އޮޑިޝަން ބުރު ކުރިއަށް ގެންދާނީ އަތޮޅުތެރޭގައި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައާއި މާލޭގައެވެ. ފޯމު ހުށައަޅާ ފަރާތްތަކަށް ހާޒިރުވުމަށް އެންމެ ފަސޭހަ ރަށެއްގައި އޮންނަ އޮޑިޝަނެއްގައި ބައިވެރިވެވޭނެއެވެ.
ސެމީ ފައިނަލް ބުރު ކުރިއަށް ދާނީ، އޮޑިޝަނުގެ ކޮންމެ ކެޓަގަރީއަކުން 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 500 ބައިވެރިންނެވެ.
ފައިނަލް ބުރު ކުރިއަށް ދާނީ ސެމީ ފައިނަލުގެ ކޮންމެ ކެޓަގަރީއަކުން 85 އިންސައްތަ އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނެވެ.




ކިޔުންތެރިންގެ ހިޔާލު