ކ. ދިއްފުށީގައި ހުންނަ ގެސްޓްހައުސްއަކަށް ފައިސާ ފޮނުވި ކަމުގެ ފޭކް ސްލިޕް ފޮނުވުމަށް ފަހު ބުކިން ހައްދައި، އެ ބުކިން ކެންސަލް ކުރުމަށް ފަހު، އަނބުރާ ފައިސާ ދޭން ބުނެ އެ ގެސްޓްހައުސަށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދިއްފުށީގައި ހުންނަ ގެސްޓްހައުސްއަކުން ބުކިން ހެދުމަށްފަހު، ފޭކު ސްލިޕެއް ފޮނުވައި، އެ ބުކިންގް ކެންސަލްކޮށް، މަކަރާއި ހީލަތުން ރިފަންޑު ހޯދަން މަސައްކަތްކުރި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދުއަށް ނިސްބަތްވާ 25 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

"ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައި،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާގެ ފޯނުން ފުލުހުން ވަނީ އެ މައްސަލައާ ގުޅޭ ހެކި ހޯދާފައެވެ. ނަގުދު ފައިސާއިން ރީފަންޑު ހޯދަން ހޮޓަލުގެ އޮފީހަށް އޭނާ ދިޔަކަމަށް ހޮޓަލްގެ މުވައްޒަފުން ހެކިދެއެވެ.

އޭނާ އަކީ މީގެކުރިން ވެސް މިފަދަ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.