ސްރީލަންކާ ޕޮލިސްގެ ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އިން ހިންގާ އަށް ހަފުތާގެ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ސްރީލަންކާއަށް ފުރުމަށް ހަމަޖެހިފައިވާ އޮފިސަރުންނާ ބައްދަލުކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ އޮފިސަރުންނާ ބައްދަލުކުރުމުގެ ގޮތުން މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަނެވެ. މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުންނާއި ތަމްރީނަށް ހޮވިފައިވާ 36 އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަންނަ ނޮވެމްބަރު 2 އިން ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާ މި ތަމްރީނަކީ ދެ ގައުމުގެ ފުލުހުންގެ މެދުގައި އޮތް ގުޅުމާއި ތަމްރީނުގެ ދާއިރާއިން ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ 13 އަހަރުގެ މެދުކެނޑުމަކަށްފަހު މި ތަމްރީނުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަލުން ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ފުލުހުންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި ފުލުހުންނަށް މި ފުރުސަތު ފަހިކޮށްދެއްވައި ވެދެއްވި އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ސްރީލަންކާ ސަރުކާރަށާއި، ސްރީލަންކާ ޕޮލިސްގެ އިތުރުން އެސްޓީއެފަށް ކޮމިޝަނަރ ޝުކުރު އަދާކުރެއްވިއެވެ. ހަމައެއާއެކު، މި ތަމްރީނު ޕްރޮގްރާމް ހަމަޖެއްސުމުގައި ސްރީލަންކާސަފީރު މުޙައްމަދު ރިޒްވީ ޙަސަން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި އެމަނިކުފާނަށް ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.
ކޮމިޝަނަރގެ ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން، ތަމްރީނުގެ މުއްދަތުގައި ސާބިތުކަމާއެކު ފުރިހަމަ ޑިސިޕްލިން އަދި ޕްރޮފެޝަނަލިޒަމް ދެއްކުމަށާއި، މުދައްރިބުން ދެއްވާ އިރުޝާދުތައް ކަނުލައި އަޑުއަހައި ފުރިހަމަ ގޮތުގައި އުނގެނުމަށް ބާރުއެޅުއްވިއެވެ. އަދި އެކަކު އަނެކަކަށް އެހީތެރިވެ، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ސުލޫކީ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.