މާލެ ސަރަހައްދުގެ ސްކޫލްތައް ކައިރީގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފިއެވެ.

ފުލުހުން މި މަސައްކަތް ފަށާފައިވަނީ މިއަދު ހަވީރު 18:00 ގެ ކުރިން ސްކޫލް ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އަންގައި، އެ މުހުލަތު ހަމަވުމަށްފަހުގައެވެ.

ފުލުހުން ބުނީ، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން އެ ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯ ކުރަމުން ގެންދާނެ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މި މަސައްކަތް ފަށާފައިވަނީ މި ހަފްތާގެ އަންގާރަ ދުވަހު ސްކޫލްތަކުގެ ކިޔެވުން އަލުން ފެށޭތީ، ސްކޫލް ސަރަހައްދުތަކުގައި ވެހިކަލްތައް ގިނަވެ، ދަރިވަރުންނާއި ބެލެނިވެރިންނަށް ދަތިތަކެއް ކުރިމަތިވަމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

ސްކޫލް ސަރަހައްދުތަކުގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. އެގޮތުން މި މަހުގެ 23 އިން 24 އަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 14 އުޅަނދެއް ވަނީ ޓޯ ކޮށްފައެވެ.