ރާއްޖޭގެ ސްކޫލުތަކުގައި ދެ ޖިންސުގެ ދަރިވަރުން މައްސުނި ނުކޮށް، ކިޔަވައިދެވޭނެ ގޮތްތައް ހަމަޖައްސައިދޭން އިލްމުވެރިންގެ ގުޅުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އަރިހުން އެދިއްޖެއެވެ.

ޢިލްމުވެރިންގެ ފަރާތުން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއަށް ފޮނުވި ސިޓީގައި ވަނީ 2008ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބޮޑެތި ސްކޫލްތަކުގައި އަންހެން އަދި ފިރިހެން ކުދިން ތިބީ ވީހާ ވެސް ބޮޑަކަށް ވަކިކުރެވިފައި ކަމަށެވެ.

ނަމަވެސް، 2008 ވަނަ އަހަރު އައި އެމްޑީޕީ ސަރުކާރާއެކު ގެނެވުނު ބަދަލުތަކަކީ އިސްލާމީ އުޞޫލުތަކާއި ދިވެހީންގެ ސަޤާފަތާ ބީރަށްޓެރި، ސެކިއުލާ ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ބަދަލުތަކެއް ކަމަށް ސިޓީގައި ވެ އެވެ.

އިޝްތިހާރު އިޝްތިހާރު

އައްޑޫ ހައި ސްކޫލުގެ ކުލާހެއް ތެރޭގައި ދެ ޖިންސުގެ ދަރިވަރުން ގައިގޯޅިވެ ބޭއަދަބީކޮށް އުޅުނު މަންޒަރު ފެންނަ ވީޑިއޯއަށް އިޝާރާތްކޮށް އެއީ ދެ ޖިންސު މައްސުނިކޮށް ކިޔަވައިދިނުމުގެ ސަބަބުން ކުރިމަތިވާ އަޚްލާޤީ މައްސަލަތައްކަން އިލްމުވެރިން ފާހަގަކުރެއްވިއެވެ.

އެ ސިޓީގައި ވަނީ ދެ ޖިންސު މައްސުނި ކުރުމަކީ ދަރިވަރުންގެ އަޚްލާޤާއި ސުލޫކަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށެވެ. އެކަމަށް ބާރުދޭ، ކަންކަން ހަވާޑް ޔުނިވާސިޓީއާއި ބީބީސީ ފަދަ ބައިނަލްއަޤުވާމީ މުއައްސަސާތަކުގެ ދިރާސާތަކުން ހާމަވާކަމަށް ވެސް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

ސްކޫލްތަކުގެ ތަޢުލީމީ މާޙައުލަކީ ދެ ޖިންސު މައްސުނި ނުވާނެ ފަދަ މާޙައުލަކަށް ހެދުމަށް ކަމާގުޅޭ އުޞޫލުތައް އިސްލާހުކޮށްދޭން އެ ސިޓީގައި ވަނީ އެދިފައެވެ.