ހުވަދޫ ކަނޑަށް އަޑިއަށްދިޔަ ފްރެންޑް ފޯ ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް މުޅި ހުވަދޫ ކަނޑު އެއްކޮށް ބަލާފައިވާ ކަމަށާއި ނަމަވެސް އެ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު މިހާރު ވަރަށް ކުޑަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއަދު ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މައުލޫމާތު ދޭ ގޮތުގައި މި އޮގަސްޓު މަހުގެ ފަސްވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ގއ. ކުޑަލަފަރީގެ އިރުއުތުރުން ސަތާރަ ދިހައެއް ތިނެއް ނޯޓިކަލް މޭލު ބޭރުންނެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ސިފައިން ބުނީ މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށްޓަކައި ވައިގެމަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް ވަނީ ބަލާފައި ކަމަށެވެ.

ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން ހުވަދޫ ކަނޑުގެ އިތުރުން ލ. އަތޮޅާއި ގއ. އަތޮޅުގެ އެ ބިތުގެ ފަރުތައްވެސް ބަލާފައިވާ ކަމަށް ސިފައިން މައުލޫމާތު ދެއެވެ.
މި އޮޕަރޭޝަންގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްފައިވާކަން ފާހަގަކުރަމުން އެމްއެންޑީއެފުން ބުނީ މޯލްޑިވިއަންގެ އެއާކްރާފްޓްތަކުގެ އިތުރުން ރޭގަނޑުވެސް ކަނޑުމަތި ބެލޭ އިންފްރާރެޑް ސެންސަރު ހުންނަ ސިފައިންގެ ޓީބީ2 ޑްރޯންތަކާއި އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ކޯސްޓްގާޑް ޝިޕް އިމާދުއްދީންގެ ޒަމާނީ ޓެކްނޮލޮޖީ މި މަސައްކަތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އެމެރިކާ ނޭވީގެ ޕީ8 މަރުކާގެ ހާއްސަ މަތިންދާބޯޓެއް ބޭނުންކޮށްގެން އިއްޔެ އެކަނިވެސް ހަ ހާސް ތިންސަތޭކަ އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައި ކަމަށް ބުންޏެވެ.
މި ހާދިސާ ހިނގިތާ އެގާރަ ދުވަސް ވެފައިވާއިރު އިއްޔެ އިރުއޮއްސި ހައެކާ ހަމައަށް ވައިގެ މަގުން 17220 އަކަނޯޓިކަލް މޭލު، ކަނޑުމަގުން 2790 އަކަނޯޓިކަލް މޭލު އަދި ފަރުތަކާއި ގޮނޑުދޮށްތައް ހިމެނޭހެން 288 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައިފާސްކޮށްފައެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ ދޯނި އަޑިއަށް ދިޔަ ވަގުތު ކައިރީގައި ލޭންޑިން ކްރާފްޓަކާއި ފުލުހުން އަދި ސިފައިންގެ ލޯންޗެއް އޮތުމުން ބައެއް މީހުން ސަލާމަތް ކުރެވުނު ނަމަވެސް ދޯނި ކުއްލި ގޮތަކަށް ބަންޑުންޖަހާލައި އަޑިއަށް ގޮސްފައިވަނީ 1600 މީޓަރަށްވުރެ ފުން ސަރަހައްދަކަށް ކަމަށެވެ.
މިއީ ޑައިވަރުންނަށް އަދި އަސްކަރީ ސަބްމެރިންތަކަށްވެސް ޑައިވް ކުރެވޭ ފުންމިނަކަށް ނުވާތީއާއި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ގެއްލުނު ތިން މީހުން ކަނޑުމަތިން ހޯދުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މިއީ އިންސާނުންނަށް ޑައިވިން ކޮށްގެންދެވޭ ފުންމިނެއް ނޫން ކަމަށާއި އަދި މިއީ ބޭރު ގައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިއުކްލިއާ ސަބްމެރިންވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށެވެ.
ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހުން ވަނީ ސަލާމަތް ކުރެވިފައެވެ. ނަމަވެސް މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އުމުރުން 33 އަހަރުގެ ޕޮލިސް ސާޖަންޓް އަލީ ނާފިއުއާއި އުމުރުން 39 އަހަރުގެ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދުގެ އިތުރުން ދޯނީގެ ކައްޕި ތ. މަޑިފުށީ އުމުރުން 35 އަހަރުގެ މުހައްމަދު ހަމްދޫންއެވެ.










ކިޔުންތެރިންގެ ހިޔާލު