ގިނަ ބައެއްގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެކަމަށް އިޖާބަދެއްވުމުގެ ގޮތުން ބ. ދޮންފަނުގެ ބިން ނުހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ދޮންފަނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ދާދިފަހުން ރައީސް އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

ދޮންފަނުގެ ބިން ހިއްކައިފި ނަމަ، އެ ރަށާއި ޖެހިގެން އޮންނަ ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. ހަނިފަރަކީ ފަތުރުވެރިންގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ބައިނަލްއަގުވާމީގޮތުން ވެސް ފާހަގަކުރެވިފައިވާ ތަނެކެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސް މިއަދު ވަނީ ގިނަ ބައެއްގެ ކަންބޮޑުވުންތައް އަޑުއައްސަވައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަށްރަށުގައި ކުރާނެ ކަންކަމާ ބެހޭ ގޮތުން ވައުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދުމުން ކަމަށެވެ. ރައްޔިތުން ބޭނުން ނުވާ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

"މިގޮތުން ބ. ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަން ވައުދުވިން. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއިކުރިން. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައި ވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދޮންފަނުގެ ކައުންސިލަށް ރަސްމީކޮށް މިނިސްޓްރީން މިއަދު އެކަން އަންގާނެއެވެ.