މީޑިއާތައް ކޮންޓްރޯލް ކޮށް މީޑިއާތަކުގައި ތަޅުއެޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުނުވާ ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ޚަލީލު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ މީޑިއާ ބިލާމެދު ނޫސްވެރިން ނުރުހުން ފާޅުކުރުމުގެ ގޮތުން އިހުތިޖާޖު ކުރަމުން ދަނިކޮށް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ވަޑައިގެ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޚަލީލުގެ އިތުރުން ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިޝްތިހާރު އިޝްތިހާރު

މިނިސްޓަރު ޚަލީލް ވިދާޅުވީ، އެ ބިލް އިސްލާހުވެގެން އަންނައިރު، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށެވެ.

”ސަރުކާރަށް މީޑިޔާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ގާނޫނެއް އޮންނަން ރައީސް ބޭނުންފުޅު ނުވޭ. ރައީސް ވަނީ ވިދާޅުވެފައި އެމަނިކުފާނުގެ ކޮންޓްރޯލް އޮންނަ ގޮތަކަށް ރައީސްއެއް އަދި މެންބަރު ވެސް އައްޔަން ކުރާކަށް ބޭނުންފުޅެއް ނުވެއޭ،“ މިނިސްޓަރު ވިދާޅުވިއެވެ.

މީޑިއާ ބިލް މަޖިލީހަށް ހުށަހެޅީ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

މަޖިލީހުން މިހާރު އަންނަނީ އެ ބިލް ދިރާސާކުރަމުންނެވެ.