ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުން، މަރުހަބާ ދެންނެވުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިނުގެންނެވިއެވެ.

ރައީސް ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމުން މަރުހަބާ ދެންނެވުމަށް ޖަލްސާ ކުރިއަށްގެންގޮސްފައިވަނީ މިރޭ ސަލްޓަން ޕާކުގައެވެ.

އެ ޖަލްސާގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ. ނަމަވެސް ރައީސް ސޯލިހު ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވި ސަބަބެއް މިހާތަނަށް ވިދާޅުވެފައެއް ނުވެއެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސް ނަޝީދާއި ރައީސް ސޯލިހު ވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ އިރު، ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައިވަނީ ވެސް ރައީސް ސޯލިހާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިންނެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ގެންގުޅުއްވައެވެ.