މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނަށް މުހިންމު އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއްޖެއެވެ. މި އިސްލާހުގެ މައިގަނޑު ބޭނުމަކީ އޮތޯރިޓީގެ ބޯޑު މެންބަރުކަމުގެ ޝަރުތުތައް ހަރުދަނާކުރުމެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޒީލެވެ. މި އިސްލާހުގެ މަޤްޞަދަކީ "ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު" އާ ގުޅިގެން، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ.

މި އިސްލާހުގެ މުހިންމު ނުކުތާތަކުގެ ތެރޭގައި ހިމެނެނީ:

އިޝްތިހާރު އިޝްތިހާރު

1. މަދަނީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ޤާނޫނީ ޝަޚުސެއްގައި ނުވަތަ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ރެގިއުލޭޓްކުރާ ތަނެއްގައި އެއްވެސް މަސްލަހަތެއް ނުވަތަ ހިއްސާއެއް އޮތް ފަރާތްތަކަށް އޮތޯރިޓީގެ ބޯޑު މެންބަރުކަން ނުލިބޭގޮތަށް ހަމަޖެއްސުން.

2. މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު އެކަށައެޅުމުގެ ޒިންމާ ވަޒީރަށް ދޫކޮށްލުން.

3. އަވަސް މައްސަލަތަކުގައި ބޯޑުގެ ޖަލްސާ ބޭއްވުމުގެ މުއްދަތު 5 ދުވަހުން 3 ދުވަހަށް ކުރުކުރުން.

މި އިސްލާހު ފާސްވެ، ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށޭނެއެވެ. މި އިސްލާހުގެ ސަބަބުން މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާވެ، ޒަަމާނީ މިންގަނޑުތަކާ އެއްގޮތަށް ތަރައްޤީވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.