ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލް އިއްޔެ އައްޔަންކުރައްވައިފިއެވެ.

ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ އިސްވެރިއެއްގެ މަގާމަށް މޫސާ އަލީ ޖަލީލް ހަމަޖައްސަވާފައިވާކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންސޫރު (ވައިސް ވަހީދު) އެވެ. ނަމަވެސް، މޫސާ އަލީ ޖަލީލް މި މަގާމަށް އައްޔަންކުރެއްވީ ވައިސް ވަހީދު މަގާމުން ވަކިކުރެއްވުމާ ގުޅިގެން ކަމެއް ނުވަތަ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން ކަމެއް ސާފެއް ނުވެއެވެ.

އިޝްތިހާރު އިޝްތިހާރު

ދިވެހި އަސްކަރިއްޔާގައި 32 އަހަރަށްވުރެ ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނަވައި މޫސާ އަލީ ޖަލީލް ސިފައިންގެ ޚިދުމަތުން ރިޓަޔާކުރެއްވީ 9 ފެބްރުއަރީ 2012 ގައެވެ. އޭގެ ފަހުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނަމަވެސް، އޮކްޓޯބަރު 2015 ގައި އޭނާ ވަނީ އެ މަގާމުން ވަކިކުރައްވާފައެވެ.

މީގެއިތުރުން، ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވި ބައި-އިލެކްޝަނުގައި ވެސް މޫސާ އަލީ ޖަލީލް ވާދަކުރެއްވިއެވެ.

ދިވެހި ޤައުމުގެ ދިފާޢުގައްޔާއި ޚާއްޞަކޮށް 1988 ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއިން ޤައުމު ސަލާމަތްކުރުމުގައި ކުރެއްވި މަތިވެރި ޖިހާދުގެ އަގުވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ނޮވެމްބަރު 2024 ގައި އޭނާއަށް 'ނިޝާން ޢަސްކަރީ ވެރިކަމުގެ ޢިއްޒަތް' (ނ.ޢ.ވ) އަރުވާފައެވެ.