ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ޕާޓީގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ޕާޓީ ހިންގުން ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރަށް ހަވާލުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ދޮގުކިރައްވައިފިއެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މުއާޒް ހަލީމް ވިދާޅުވީ އެ ޕާޓީގެ ޗެއާޕާސަން އަކީ އަދިވެސް އަބްދުއްރަހީމް އަބްދުﷲ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކޮށްފައިނުވާއިރު، މަގާމުގެ މަސްއޫލިއްޔަތުތަކުން ވެސް ދުރުކޮށްފައިނުވާ ކަމަށް މުއާޒް ވިދާޅުވިއެވެ.

"އެއީ ކަނޑައެޅިގެން ބުހުތާނު ދޮގެއް. ޗެއާޕާސަންއަކީ މިވަގުތު ވެސް އަބްދުއްރަހީމް،" މުއާޒު ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

އަބްދުއްރަހީމް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ޕީއެންސީގެ ހިންގުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުއާ ހަވާލުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވާހަކަދެކެވިފައިވެއެވެ.

ފަލާހުއަކީ އެ ޕާޓީގެ ޕީޖީ ލީޑަރެވެ. މުއާޒު ވިދާޅުވީ އެފަދަ ބަދަލެއް ގެންނަނަމަ ސެކްރެޓަރީ ޖެނެރަލްއަށް ނޭނގި އެފަދަ ކަމެއް ނުހިނގާނެ ކަމަށެވެ.