އައްޑުއަތޮޅުގެ ބައެއް ރަށްރަށުން ރުކަށް ގެއްލުންދޭ ރަތްމަޑި ފެނުމާ ގުޅިގެން، އެ އަތޮޅުން އެހެން އެއްވެސް ރަށަކަށް ރުއް ބޭރުކުރުން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާއިން މަނާކޮށްފިއެވެ.

އެގްރިކަލްޗާ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގަސްގަހާގެހި ހިމާޔަތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 12/2011) ގެ ދަށުން މި ފިޔަވަޅު އެޅީ ރާއްޖޭގެ އެހެން ރަށްތަކަށް މި މަޑި ފެތުރުނަ ނުދިނުމުގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. "ރެޑް ޕާމް ވީވިލް" ނުވަތަ ރަތްމަޑިއަކީ ރުކާއި ކަދުރު ރުކުގެ އިތުރުން ޒީނަތްތެރިކުރުމަށް ހައްދާ ރުކުގެ އާއިލާގެ އެކި ބާވަތްތަކުގެ ގަސްތަކަށް ބޮޑެތި ގެއްލުންދޭ ނުރައްކާތެރި ސޫތްޕެކެވެ.

މި މަޑީގެ ލާވާ މަރުހަލާގައި ރުކުގެ ކަނދުގެ އެތެރޭގައި ހުންނަ މަޑު ބައިތައް ކައި ހުސްކޮށްލައެވެ. ނުރައްކާތެރި ކަމަކީ މި ގެއްލުން ބޭރުފުށުން ފެންނަން ނުހުންނާތީ، މަޑި ރުކުގައި ވަރަށް ބޮޑަށް އަށަގެންފައި ހުންނައިރު ވެސް އެކަން ދެނެގަންނަން އުނދަގޫވުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރުކުގެ ކުރި ވަރަށް އަވަހަށް މަރުވެ، މުޅި ރުއް އެއްކޮށް ހަލާކުވެގެން ދެއެވެ.

އިޝްތިހާރު އިޝްތިހާރު

މިނިސްޓްރީން ބުނި ގޮތުގައި، މި މަޑި ފެނިފައިވާ ރަށްރަށުގެ ރުއްތަކުގައި މިހާރު ވެސް ބޭސް ޖެހުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މި ސޫފި ކޮންޓްރޯލް ކުރުމަށްޓަކައި ފެރޮމޯން ޓްރެޕް ބޭނުންކުރުމުގެ ތައްޔާރީތައް ވެސް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި މަޑި ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި، މަޑި އަޅާފައިވާ ރުއްތައް ވީހާވެސް އަވަހަށް ދެނެގަތުމާއި ގަވާއިދުން ރުއްތައް ބަލައި ފާސްކުރުމަށް ސަމާލުކަން ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.